އައްޑޫސިޓީ މަރަދޫން ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑު އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް އެ ސިޓީން ފައްސިވެފައިވަނީ ތިން މީހުން ކަމަށާއި އެ އެންމެން ވެސް ފައްސިވެފައިވަނީ މަރަދޫން ކަމަށެވެ.

މިއަދު ފައްސިވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ކުރިން ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވި ދެ މީހަކާއި ވަކި ތަރުތީބެއް ނެތި ނެގި ސުންކުކެވެ.

މި އެންމެންނަކީ ވެސް ދިވެހިން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މިއަދު ފެނުނު ތިން ވޭދަނައާއި އެކީ އައްޑޫން ފައްސިވި މީހުންގެ އަދަދު ވަނީ 549 އަކަށް އަރާފައެވެ. އެހެން ނަމަވެސް މިވަގުތު ބަލި ޖެހިފައި ތިބީ 58 މީހަކު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ ހިތަދޫން 23 މީހަކާއި މަރަދޫން 31 މީހަކާއި މަރަދޫފޭދޫން ހަތަރު މީހެކެވެ.

އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން 489 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ހޮސްޕިޓަލުގައި ދެ މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެސިޓީން ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ވަނީ ނިޔާވެފައެވެ.

އައްޑޫން ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ކޮވިޑަށް ފައްސިވެފައިވާއިރު، އެސިޓީގެ ގުޅިފައިވާ ރަށްތަށް މިއަދުގެ ވަގުތެއްގައި ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައެވެ.