ކަސްޓަމާސް ސާވިސްގެ ދާއިރާއިން އަންނަ އޮގަސްްޓު މަހުގެ ތެރޭގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް) އިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމުގެ މެއިން ސްޕޮންސަރަކަށް ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި، ދިރާގު ހަމަޖައްސައިފިއެވެ.

މިކަމަށްޓަކައި މިއަދު މާބްލް ހޮޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީނިއާ މެނޭޖާ ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން އެވެ. އަދި މާޕްގެ ފަރާތުން ސޮއިކުރެއްވީ މާޕްގެ ރައީސް ހުސައިން އަފީފް އެވެ.

މާޕް އިން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މާޕްގެ ރައީސް ހުސައިން އަފީފް ވިދާޅުވީ، މި ޕްރޮގްރާމުގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސާފައިވަނީ، ދިރާގަކީ ޓެލެކޮމް ދާއިރާގެ އެންމެ ރަނގަޅު އަސާސްތައް ނެރެގެން މަސައްކަތްކުރާ ކުންފުންޏަށް ވާތީ ކަމަށެވެ.

"ކަސްޓަމާ ސާވިސްގެ ދާއިރާގައި ކުރިއަށް ދިއުމުގެ ސިއްރުތައް"، މި ނަމުގައި މި ތަމްރީނު ޕްރޮގްރާމު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 އަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ އޮޑިޓޯރިއަމްގައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަން މާޕްއަށް އީމެއިލް ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިންނަށް ތަމްރީނު ދެއްވާނީ މަޝްހޫރު ކަސްޓަމާ އެކްސްޕީރިއަންސް ކޮންސަލްޓަންޓް ރޮން ކައުފްމަންއެވެ. ކައުފްމަން އަކީ މިފަދަ ތަމްރީނުތަކުގައި ވިހި އަހަރުގެ ތަޖުރިބާ ލިބިފައިވާ މި ދާއިރާގައި ފުންނާބު އުސް ބޭފުޅެކެވެ.

މާޕް އަކީ މިއަހަރުގެ ޖެނުއަރީމަހު ރަޖިސްޓްރީވެ ފެބްރުއަރީ މަހުން ފެށިގެން އެޗްއާރް ދާއިރާއިން މީހުން ކުރިއެރުވުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ޖަމްއިއްޔާއެކެވެ. އެ ޖަމިއްޔާގައި މިހާރު 350 އަށްވުރެ ގިނަ މެމްބަރުން އެބަތިއްބެވެ. މި މެންބަރުންނަކީ ތަފާތު އެސޯސިއޭޝަންތަކުގައި ހިމެނޭ ފުންނާބުއުސް ބޭފުޅުން ކަން މާޕް އިން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު