ޒަމާނުއްސުރެ ޅ. ނައިފަރަކީ އީދު ފޯރި އޮންނަ ރަށެކެވެ. އީދު ނަމާދަށްފަހު އެންމެންހެން ފެންކުޅި ކުޅެ، ކުލަޖަހަން ނުކުންނަ ރަށެކެވެ. ބޮޑު އީދު ނަމަ "ބޮޑު މަސް" ނެރޭނެއެވެ. އެ މަސް ފަހާ ރަށު ތެރޭ ދޯނި ދުއްވާ މަންޒަރު ފެންނާނެއެވެ. އެކި ސިފައިގައި ތިބޭ މާލިތައްވެސް އެދުވަހަށް ނިކުމެއެވެ.

އަންހެން ވެރިންނަށް ހާއްސަކޮށްގެން ބަށި މުބާރާތް ކުރިއަށް ގެންދާއިރު ވާދެމުމާއި، އެނޫންވެސް ކުޅުވަރުތަކުގެ ފޯރި ރަށުތެރޭ އޮވެއެވެ. އަދި ވަކިން ހާއްސަކޮށް ކޮންމެ އީދަކާ ދިމާކޮށް ބާއްވާ ފުޓްސަލް މުބާރާތުގެ ވާދަވެރިކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް މި އީދު މި ފެންނަނީ ވަރަށް ހިމޭންކޮށެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ރާޅާއެކު މިއަހަރުގެ ބަހާރު މޫސުމަށް މިވަނީ ހަރީފްގެ ކުލަވަރު ވެރިވެފައިއެވެ. އެހެން އީދުތަކުގައި ކުލަތަކުން ޖަރީވެފައިވާ މަގުތަކުގައި ހިލަމެއް ނެތެވެ. މުޅި ރަށަށް ވެރިވެފައިވަނީ ފަޅުކަމާއި ހުސްކަމެވެ.

ތަކްބީރުގެ އަޑުން އީދު ދުވަސް ފެށިގެން ދާއިރު އީދު ނަމާދަށްފަހު އީދު ސައި އޮވެއެވެ. މިފަހަރު ނައިފަރުގައި އެކަމެއްވެސް ނެތެވެ.

ކޮންމެ އަކަސް ކޮވިޑާއި ގުޅިގެން ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް މިވަނީ ވަރަށް ބޮޑު އަސަރުކޮށްފައިއެވެ. ޒުވާނުން އެއްވެސް ކަހަލަ ސަކަރާތެއްގައި އުޅޭ މަންޒަރެއް މިއަދު ނުފެނެއެވެ. މުޅިންވެސް ފެންނަނީ ކުޑަކުދިންނެވެ. ޒުވާނުންގެ މޫނުތައް މަތިން ފެންނަނީ ނުތަނަވަސް ކަމާއި ސީރިއަސް ކަމުގެ ކުލަވަރެވެ.

ފެންބަޑި ހިފައިގެން ރަށު ބީޗުގައި އާއި ބަނދަރުމަތީ ކުޑަކުދިން ކުޅެއުޅެއެވެ. ނަމަވެސް އެއީ މަދު ކުދިންކޮޅެކެވެ.

ނައިފަރު ޒުވާނެއް "ވަގުތު" އާއި ވާހަކަދައްކަމުން ބުނީ ކޮވިޑްގެ ބަލިމަޑުކަމާއެކު ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އަދި މި އީދުގައި އެއްވެސް ހަރަކާތެއް ނެތީ ދެ ވަނަ ފަހަރަށް ރަށް މޮނީޓަރިންގެ ހާލަތަކަށް ނުގެންދަން ކަމަށް އޭނާ ބުންޏވެެ.

"އަސްލު ހަގީގަތަށް ދަންނަވާ ނަމަ، ނައިފަރު ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި. އެހެން އީދުތަކުގައި އޮންނަ ފޯރި މި އީދުގައި އަސްލު ނެތީ ދެ ވަނަ ފަހަރަށް ރަށް މޮނީޓަރިންގްގެ ހާލަތަކަށް ގެންދަން ރައްޔިތުން ބޭނުން ނުވާތީ" އަހްމަދު ތޯރިގް ބުނިއެވެ.

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި މިފަހަރު އީދު ފޯރި ނައިފަރުގައި ނެތީ ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތަށް ރިއާޔަތްކޮށެވެ. މި ބަލިމަޑުކަމާ ގުޅިގެން އެންމެ ގިނަ ދުވަހަށް ފުރަބަންދު ކުރި ރަށަކީ ނައިފަރު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ސަބަބަން ރައްޔިތުންގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ނިކަމެތި ފައްތަރަކަށް ވެއްޓިފައިވާ ކަން ފާހަގަކުރެއްވިއެވެ.

"ބޮޑު އީދުގައި ހާއްސަކޮށް ނައިފަރަކީ ގިނަ ހަރަކާތްތަކެއް އޮންނަ ރަށެއް. ނަމަވެސް މި އީދުގައި އެއްވެސް ކަމެއް ނެތީ ކޮވިޑްގެ ބަލި ހާލަތަށް ރިއާޔަތްކޮށް. ރައްޔިތުން ބޭނުމެއް ނުވޭ ދެވަނަ ފަހަރަށް ރަށް މޮނީޓަރިންގްއަށް ލާކަށް. އެއްވެސް މުބާރާތެއްވެސް ނުބޭއްވުނީ އެ ހުއްދަ އެޗްޕީއޭއިން އަދި ދީފައި ނުވާތީ." މުހައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނިމި ދިޔަ އަހަރާއި މި އަހަރު ނައިފަރުގެ އީދު ފަޅުކޮށް ދިޔަ ނަމަވެސް ކުރިއަށް އޮތް އަހަރުގެ އީދު ފޯރިގަދަކޮށް ފާހަގަކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ނައިފަރުގެ ސަގާފަތް ފަނޑުވިޔަ ނުދޭނެކަން ފާހަގަކުރައްވަމުން އޭނާ ވަނީ ރަށުގެ އާދަކާދަތައް ދިރުވާ އާލާކުރަން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

ފަހުގެ ތާރީހެއްގައި ނައިފަރުގައި އެންމެ ފޯރިގަދަކޮށް އީދު ފާހަގަކުރެވިފައި ވަނީ 2017 ވަނަ އަހަރުގައެވެ. އީދު ބޮލަށް ގޮން 1438 ގެ ނަމުގައި އެފަހަރު ވަނީ ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙހހހ

    ތީ ސީދާ ދޮގު ހުރި ރިޕޯޓެއް ، ނއިފަރަކީ ތިބުނާ ވަރަށް އީދުފޯރި އޮންނަރަށެއްނޫން ،

    5
    1
  2. ޟަގަޜު

    ކެންދޫ ވެސް

  3. ޙހގގ

    މޮޔަ ވާހަކަ ނުލިޔެބަލަ. ޢީދު ފޯރި ހަމަ ވަރަށް ގަދަ. ކޮންމެހެން ޝޯތަކެއް ނުބޭއްވިޔަސް އަހަރުމެން މަޖާކުރަމު އެނގެއްޖޭ. ރަށް ފުރެންދެން ގާމު މީހުންއެރި. ފޯރި އެބަހުއްޓެއްނު