މާލޭގައި މިއަދު ވެހިކަލް ދުއްވުން މަނާ ވަގުތުގައި ކޮންމެ ޓެކްސީ ސެންޓަރަކަށް ޓެކްސީ ދުއްވުމުގެ ދެ ހުއްދަ ދޫކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ކޮންމެ ޓެކްސީ ސެންޓަރަކަށް ދެ ސްޓިކާ ދޫކުރަމުން ދާނީ މެންދުރު 1:00 އިން ފެށިގެން 3:00 އަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާ ބެހޭ އޮފީހުން ކަމަށެވެ.

މިއަދު ހަވީރު 04:00 އިން 08:00 އަށް މާލޭގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ސަލާމަތީ ވެހިކަލްތަކަށާއި، ޒަރޫރީ ހާލަތްތަކުގައި ކޮންމެހެން ދުއްވަން ޖެހޭ އުޅަނދުތައް ދުއްވުމުގެ ހުއްދަ އޮންނާނެއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ވެހިކަލް ދުއްވުން މަނާކޮށްފައި ވަނީ މިއަދަކީ އަޟްހާ އީދުކަމުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހިތްހަމަ ޖެހިލައިގެން އާއިލާތަކާ އެކު ވަގުތު ހޭދަކޮށްލުމަށް ވަގުތުކޮޅެއް ދިނުމުގެ މަގްސަދުގައި ކަމަށެެވެ.