ނ. ވެލިދޫގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޒުވާނުންގެ ގުރޫޕަކުން އެ ރަށުގެ ގިނަ އަދަދެއްގެ ގެތަކަށް ފޮތި ކޮތަޅު ހަދިޔާކޮށްފިއެވެ.

ކުޑަކަންމަތީ ނިއު ޖެނެރޭޝަން (ކޭއެންޖީ) ގްރޫޕުގެ ފައުންޑަރު މެމްބަރު އަހުމަދު އަމީލް "ވަގުތު" އަށް ބުނީ، އެބޭފުޅުންނަކީ ފެށުނީއްސުރެ ރަށު ފެންވަރުގައި ވަރަށް ބޮޑަށް ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުދުމަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީ މަސައްކަތް ކުރާ ބައެއް ކަމަށެވެ.

އެގޮތުން އީދު ދުވަހާއި ދިމާކޮށް ކޮންމެ ގެއަކަށް އީދު ހަދިޔާއެއްގެ ގޮތުގައި ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ތިމާވެއްޓާއި ރައްޓެހި ކޮތަޅުތައް ހަދިޔާ ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ ގްރޫޕުން ވަނީ ވެލިދޫގެ 400 ވަރަކަށް ގެއަކަށް ފޮތި ކޮތަޅު ހަދިޔާ ކޮށްފައެވެ.

ރަށުގެ އާންމުން ބާޒާރުކުރަން އެ ކޮތަޅުތައް ބޭނުން ކުރަން ފެށުމުން ރަށުގައި ވަރަށް ބޮޑަށް ޕުލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓިގެން ދާނެ ކަމަށާއި އެކަމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ވެސް ބާރު ލިބިގެން ދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަމީލް ބުނީ އެ ކޮތަޅުތައް ހެދުމަށް ކުރަން ޖެހުނު ހުރިހާ ކަމަކަށް ފައިސާ ހޯދީ ގުރޫޕްގެ މެންބަރުންގެ އަތުން 'ޗަންދާ" ނަގައިގެންނެވެ. އެގޮތުން ގާތްގަނޑަކަށް ޖުމްލަ 25،000 ރުފިޔާ އެކޮތަޅުތައް ހެދުމަށް ހަރަދުވި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރަށުގެ ގެތަކަށް ކޮތަޅު ހަދިޔާ ކުރުމުގެ އިތުރުން ކޭއެންޖީ ގްރޫޕުން މީގެ ކުރިން ވެސް ވަނީ އެރަށުގެ ގޮނޑުދޮތް ސާފު ކުރުން ފަދަ ތިމާވެއްޓާއި ރައްޓެހި އެކި ހަރަކާތްތައް ހިންގާފައެވެ.