ކޮޅުމަޑުލު ކިނބިދޫން ތުއްތު ކުއްޖަކު ކޮވިޑް-19 އަށް ފައްސިވުމުން އެރަށަށް އަރައި ފޭބުން މަނާކޮށް އަނެއްކާވެސް އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ. ކިނބިދޫން ކޮވިޑަށް ފައްސިވެފައި ވަނީ ދެއަހަރުގެ ކުއްޖެކެވެ.

އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައި ވަނީ އެކުއްޖާ އާއި ގާތުން އެއްތާވި މީހުން ދެނެގަނެ އެމީހުން ކޮވިޑަށް ޓެސްޓް ކުރުމަށްޓަކައެވެ. މޮނިޓަރިންގެ ހާލަތައް ބަދަލެއް ގެންނާނެކަން އެނގޭނީ އިތުރު މީހުން ކޮވިޑަށް ޓެސްޓް ކުރުމަށް ފަހު ލިބޭ ނަތީޖާއަކުންނެވެ.

މެއި މަހު ވެސް ކިނބިދޫން ކޮވިޑް ފެނި ރަށް މޮނިޓަރިންގެ ހާލަތައް ގެނައެވެ. އެފަހަރު މަހެއްހާ ދުވަހު މޮނިޓަރިންގައި ބޭއްވުމަށް ފަހު މޮނިޓަރިން އުވާލީ ޖޫން މަހުގެ 20 ވަނަ ދުވަހު އެވެ. މިއަދު އަނެއްކާ ރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައި މިވަނީ މޮނިޓަރިން އުވާލިތާ އެއްމަސް ފަހުންނެވެ.

ކިނބިދޫ މޮނިޓަރިންއަށް ލިއިރު އެރަށް އޮތީ އީދު ކުޅިވަރުތަކަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އަދި މިއަދުވެސް ވަނީ އީދު ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ރަށް މޮނިޓަރިންގެ ހާލަތައް ގެނައުމުން މިހާރު އީދު ކުޅިވަރުތައް ވަނީ މެދިކަނޑާލާފައެވެ.

މިއަދު ރާއްޖެ އިން 169 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. އޭގެތެރެއިން 127 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު