ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އެގްރިމޭންޓްގައި ދެން ސޮއި ކުރަން ފަށާނީ އަންނަ އާދީއްތަ ދުވަހު ކަމަށް އެޗްޑީސީ އިން ބުނެފިއެވެ. ކުރިން ހަމަޖެހިފައި އޮތީ އަޟްހާ އީދަށް މެދުކަނޑާލުމަށް ފަހު އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަނެއްކާވެސް ސޮއި ކުރަން ފަށާށެވެ.

މިއަދު އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނީ 24 ޖުލައިވާ ހޮނިހިރު ދުވަހަކީ ހިޔާފުލެޓު ލިބިފައިވާ ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވާ ދުވަހެއްނަމަވެސް، އަޟްޙާ ޢީދަށްފަހު ދެން އެއްބަސްވުމުގައި ސޮއި ކުރަން ފަށާނީ 25 ޖުލައިވާ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.

24 ޖުލައި ގައި އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ނުގެންދިއަ ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދާނީ ކުރިންވެސް އިޢުލާން ކޮށްފައިވާ ގޮތަށް ޓަވަރު ތަރުތީބުން ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ.

މިހާރު އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތާވަލު ތިރީގައި އެވަނީއެވެ.

އެއްބަސްވުމުގައި ސޮއި ކުރާނީ ހިޔާ ފްލެޓްގެ ޕޯޓަލް އަށް ލިޔެކިޔުންތައް ހުށަހަޅާ ފަރާތްތަކާއި އެކުގައެވެ. ނުވަތަ އެޗްޑީސީ އަށް ހާޒިރުވެ ފޯމްތައް ހުށަހަޅާ ފަރާތްތަކާއި އެކުގައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު އެޗްޑީސީގެ ކައުންޓަރުން ފޯމްތައް ބަލައި ގަންނަމުން ގެންދާނެއެވެ.

ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމާއިއެކު ފްލެޓްގެ ތަޅުދަނޑި ވެރިފަރާތާއި ދަނީ ހަވާލު ކުރަމުންނެވެ. ނަމަވެސް އަދިވެސް ފްލެޓްތަކަށް ކަރަންޓް ދެވިފައި ނުވާތީ ފްލެޓްތަކަށް ވަނުމުގެ ހުއްދައެއް ނުލިބެއެވެ. އެޗްޑީސީ އިން އެންމެ ފަހުން ބުނެފައި ވަނީ ހުރިހާ ފްލެޓަކަށް ކަރަންޓީ ނިމޭނީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.