ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ ރިސޯޓެއްގައި ސްވިމިން ޕޫލަކަށް އެރުނު ފަސް އަހަރުގެ ރަޝިއާ ފިރިހެން ކުއްޖަކު އިއްޔެ މަރުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ ފަސް އަހަރުގެ ކުއްޖެކެވެ. އެކުއްޖާ ސްވިމިން ޕޫލަށް އެރުނީ އޭނާގެ ބައްޕަ އާއިއެކުއެވެ. ނަމަވެސް އެއީ ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ސްވިމިންޕޫލެއް ނޫން ކަމަށް ވެއެވެ.

"އެކުއްޖާ އަކީ ފަތަން ވެސް އެނގޭ ކުއްޖެއް. އެހެންވެ ބައްޕަ އަށް މާބޮޑު ސަމާލުކަމެއް ނުދެވުނީހެން ހީވަނީ އޭނާގެ ދަރިފުޅަށް." މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ކުއްޖާ މަރުވީ ސްވިމިން ޕޫލްގެ މައްޗަށް އެރުމަށް ފަހު ސްވިމިން ޕޫލްތެރެއަށް އެތައް ފަހަރަކު ފުންމައި ވެސް ހެދުމަށް ފަހު މާސްކެއް އަޅައިގެން ސްވިމިން ޕޫލަށް އެރުނު ފަހުންނެވެ. "ލޮލާއި ނޭފަތާއި އަނގަ އެއްކޮށް ނެވާ ވާގޮތައް މިހުންނަ ވަށް މާސްކެއް އަޅައިގެން ފަހުން ޕޫލަށް އެރުނީ. ބެލެވެނީ އެ މާސްކްގެ އެތެރެއަށް ލޮނު އެޅުނީމަ ކުޑަކުއްޖެއް ވީމަ ދެން ހަދާނެ ގޮތެއް ނޭނގިގެން މަރުވީ ކަމަށް." މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނީ ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ ކުއްޖާ ގެއްލިގެން ހޯދަނިކޮށް ޕޫލްގެ އަޑިން ކަމަށެވެ. ކުއްޖާގެ ހަށިގަނޑު ރޭ މާލެ ގެނެސްފައިވާ ކަމަށް މައުލޫމަތު ލިބެއެވެ.

މިހާދިސާ އާއި ގުޅިގެން މިހާތަނަށް ރިސޯޓްގެ ރަސްމީ ބަހެއް ނުލިބެއެވެ.

ރާއްޖޭގައި ފަތުރުވެރިން ގެނބިގެން މަރުވުމުގެ ހާދިސާތައް ހިނގި ނަމަވެސް މިފަދަ ގޮތަކަށް ކުޑަކުއްޖަކު ސްވިމިން ޕޫލަކަށް އެރި އުޅެނިކޮށް މަރުވުމުގެ ހާދިސާތައް ވަރަށް ނުހިނގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަނޑިޔާ!!!

    ލައިފް ގާޑުން ތިބުމަކީ ތިކަހަލަ ކަންކަން މަދުކުރަން ކުރަންވެއްޖެ ކަމެއް. ޜިސޯޓުތަކުން ދިވެހިން އެކަމަށް ތަމްރީނު ކުރާކަށް ނުވޭބާ؟