ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ފިނިޝިން އެ ފްލެޓްތައް ލިބުނު ފަރާތްތަކުން އަމިއްލައަށް ނިންމަން ޖެހޭއިރު އެ ކަމަށް ދިން ކުރު މުއްދަތު ދިގުނުކޮށްދޭތީ މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި އެ ބިމުގެ ސަރަހައްދުގައި 7،000 ފްލެޓް އިމާރާތް ކުރުމުގެ "ހިޔާ" މަޝްރޫއު ފެށީ ކުރީގެ ސަރުކާރުގައި މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށެވެ.

މި ފްލެޓްތަކުގެ ފިނިޝިންއަށް ތިން މަސް ދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާއިރު، އެ މުއްދަތު ނުވަ މަސް ދުވަހަށް އިތުރުކޮށްދޭން މާލެ ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ސަރުކާރުގައި ރަސްމީކޮށް އެދިފައެވެ.

ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ޓްވިޓާގައި ޚިއްސާ ކުރައްވަމުން މުއިއްޒު ވިދާޅުވީ ފިނިޝިންގެ މުއްދަތު އިތުރުކޮށްދޭން އަނެއްކާ ވެސް އެދިވަޑައިގަންނަވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސަރުކާރަށް މި ކަމާ ގުޅޭ ގޮތުން ރަސްމީކޮށް އެތައް ލިޔުމެއް ފޮނުވާފައިވާއިރު ވެސް މިހާތަނަށް އައިއިރު އެއްވެސް ޚަބަރެއް ވެފައި ނުވާ ކަމަށެވެ. "އަދިވެސް ތިން މަސް އިތުރުކޮށްދޭކަށް ނުވިސްނާ؟ ރައްޔިތުންގެ އާދޭހަށް މިހާ ބީރު ކަންފަތެއް މި ދެނީ ކީއްވެބާ؟" މުއިއްޒު ލިޔުއްވާފައިވެއެވެ.

ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމާއިއެކު ފްލެޓްގެ ތަޅުދަނޑި ވެރިފަރާތާއި ދަނީ ހަވާލު ކުރަމުންނެވެ. ނަމަވެސް އަދިވެސް ފްލެޓްތަކަށް ކަރަންޓް ދެވިފައި ނުވާތީ ފްލެޓްތަކަށް ވަނުމުގެ ހުއްދައެއް ނުލިބެއެވެ. އެޗްޑީސީ އިން އެންމެ ފަހުން ބުނެފައި ވަނީ ހުރިހާ ފްލެޓަކަށް ކަރަންޓު ލައި ނިމޭނީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހަށް ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާއެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ. އެހެންވިޔަސް ކުރީގެ ސަރުކާރުގައި އެ އަގު ކަނޑައަޅާފައިވަނީ ޖުމުލަ 6،600 ރުފިޔާއަށް ކަމަށް އެ ސަރުކާރުގެ ބޭފުޅުން ވިދާޅުވަމުންދެއެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުން އަންނަނީ ކުރިން ވެސް ނިންމާފައި އޮތް ގޮތައް ފްލެޓްތަކުގެ ކުލި 5،600 ރުފިޔާއަށް ކުޑަކޮށްދޭން އެދެމުންނެވެ. މޭޔަރު މުއިއްޒު ވެސް ވަނީ ކުރީ ސަރުކާރުން ކަނޑައެޅި އަގަށް ކުލި ތިރިކޮށްދޭން އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ނިމި

  ހިޔާ ފްލެޓްތަކަކީ ކުރީ ސަރުކާރުން ނިންމާފައި ހުރި ތަންތަން އެތަންތަނުގައި އިތުރަށް ކުރާނެ މަސައްކަތެއް ނުހުންނާނެ. އެންމެ ދުވަހެއް ވެސް ދީގެނެއް ނުވާނެ! އެތަނަކީ ތިން އަހަރު ކުރިން ވަރަށް ފުރިހަމައަށް ނިންމާފައި ހުރި ތަންތަން. ހަމައެކަނި ތަޅުދަނޑި ދޭން އުޅެނިކޮށް ވެރިކަން ބަދަލުވީ.

  4
  3
 2. ސެންޗޯ

  ތި ކަމުން ދޭހަވަނީ ސަރުކާރުން މުއީޒު ގެ ދައުރު ބަލައި ނުގަންނަ ކަމޭ ބޮލުރޮދި ކެޑިފައި ތިބި ބަޔަކު ތިފަދަ މަގާމަކަށް އެރިއްގައި އޮންނަ ސަރުކާރު ނޫން އެހެން ޕާޓީއެއްގެ މީހަކު ހޮވާނީވެސް މީއީ ވަރަށް ވާހަކަ

  3
  1
 3. ބޮއިކަޓް ޢަލީ

  ފްލެޓް ފިނިށޝިންގ ނިންމޭނީ ލާރި ހުރެގެން، 3 ނޫނީ 12 މަހުން ކުރިއަސް. އެޗް.ޑީ.ސީ އަށް މުއްދަތު ދެވޭނީ ފައިނޭސް ކުރަންޔާ ނޫނީ އެޗް.ޑީ.ސީން އެކަން ކޮއްދިނީމަ ނިމުނީ.. އަމިއްލައަށް ކުރާ މީހާ ކުރާނީ އެމީހަކަށް ވާވަރަކުން. ހިޔާ ޔޫނިއަން އެއް ނޫން ހަދަންވީ ފްލެޓް ލިބުނު މީހުން ސިޔާސީ ޕާޓީއެއް ހަދަންވީ މިހާރު ތިބި މީހުން ޖެހިލުންވާނެ.

  3
  1
 4. ވަތަން

  ތަޅުދަނޑި ދިނަސް ނުވައްދާ ރަނގަޅު މިންތައް ނަގާލަން ވަދެވޭނެ ކޮންމެވެސް ގޮތެއް ހަމަޖެހުން މުހިންމު އޭރުން ދޯ މަސައްކަތެއްވެސް ކޮއްލެވޭނި ކަރަންޓް ލިބެންވާއިރަށް

  2
  1
 5. ދިވެހިން

  އަހަރުމެންނަށް އެނގޭނީ ހެދި ގޮތެއް ވަރިހަމަ ވުމާ، ފަރުދީ ދަހިވެތިކަމާ، ދެފުށްދެގޮތް ކަން ދެމެހެއްޓުމާ، މުސްކުޅިންނަށް ހަޖޫޖެހުމާ، ލިބުނު ތާކުން ލިބުނު އެއްޗެއް ލިބުނުގޮތަކަށް ހޯދައިގެން ގެންގޮސް ގެޔަށް ވެއްދުމާ، އެވަރިހަމަ އެހެން ބައެއްގެ ހައްގުތަކަށް އަރިގަނެގެންވިޔަސް