ކޮވިޑް-19 ވައިރަހާ ގުޅިގެން އެކި ގޮތް ގޮތުން ހާލުގައި ޖެހިފައިވާ 71 އާއިލާއަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ބަދަލުވާން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފަށާފައިވާ "އަހުލު" ޕްރޮގްރާމްގެ ދަށުން 71 އާއިލާއަކަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން ދިރިއުޅޭ ރަށް ދޫކޮށްފައި އެހެން ތަންތަނަށް ބަދަލުވާ ފަރާތްތަކަށް ގޯތި ގެދޮރު ހަމަޖައްސައިދިނުމާއި، ވަޒީފާ ތަނަވަސްކޮށްދިނުމާ، އުޅޭ ސްކޫލް ނޫން އެހެން ސްކޫލްތަކަށް ކުދިން ބަދަލުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

އެހީތެރިިކަން ބޭނުންވާ ކަމަށް އެދި ފޯމު ހުށަހަޅާފައިވާ 29 އާއިލާއެއްގެ ތެރެއިން 25 އާއިލާއަކަށް މިހާތަނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ ތެރެއިން ހަތް އާއިލާއަކަށް ހަ މަހުގެ މާލީ އެހީތެރިކަން ފޯރުކޮށްދެވިފައި ވާކަމަށާއި، 15 އާއިިލާއަކަށް ތިން މަހުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ހަތް އާއިލާއަކަށް 20،000 ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު، 11 އާއިލާއަކަށް ވަނީ ދަތުރު ހަރަދާއި އެހެނިހެން ބައެއް ކަންކަން ހަމަޖައްސައިދީފައެވެ.

މި ޕްރޮގްރާމަށް ސަރުކާރުން ވަނީ 25 މިލިއަން ރުފިޔާ ހަމަޖައްސައިފައެވެ. މި ޕްރޮގްރާމްގެ ދަށުން އެހީީތެރިކަން ހޯދުމަށް އަދިވެސް ވަނީ ހުޅުވާލާފައެވެ.