ހދ. ކުރިނބީގެ ކޮންމެ ގެއަކަށް އީދު ހަދިޔާގެ ގޮތުގައި ކުކުޅަކާއި ހަނޑޫ ފޮއްޓެއް ދީފިއެވެ.

އަޟްހާ އީދާ ދިމާކޮށް ގިނަ ރަށްރަށުގައި އީދު ހަދިޔާ ދަނީ ބަހަމުންނެވެ. ބައެއް ރަށްރަށުގައި ކައުންސިލްތަކުގެ ފަރާތުން ރައްޔިތުންނަށް އެކި ހަދިޔާތައް ދެމުން އަންނަ އިރު ކުރިނބީ ކައުންސިލުން ވެސް ވަނީ އެރަށު ގެތަކަށް ބޮޑު ހަދިޔާއެެއް ދީފައެވެ.

ކުކުޅަކީ އީދަށް ހާއްސަކޮށް ކޮންމެ ރަށެއްގައި ވެސް ތައްޔާރު ކުރަމުން އަންނަ އެއްޗަކަށް ވާއިރު، ކުރިނބީ ކައުންސިލުން ވަނީ އެރަށުގެ ކޮންމެ ގެއަކަށް އީދު ހަދިޔާއެއްގެ ގޮތުގައި ކުކުޅަކާއި، ހަނޑޫ ފޮއްޓެއް ދީފައެވެ.

އެރަށުގައި 100 ގޭބިސީ ހުންނައިރު އެއިން ކޮންމެ ގެއަކަށް ވަނީ ކުކުޅަކާއި ހަނޑޫ ޕެކެޓެއް ހަދިޔާކޮށްފައެވެ. އަދި އެރަށުގައި ދިރިއުޅޭ ބިދޭސީންނަށް ވެސް އީދު ހަދިޔާ ބަހާފައިވެއެވެ.

އީދު ހަދިޔާ ބަހާފައި ވަނީ ކޮންމެ ގެއަކަށް 1200 ގްރާމްގެ ކުކުޅަކާއި ހަނޑޫ ފޮއްޓެކެވެ.