ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަމުން ދާއިރު ސިއްހީ ތަޖުރިބާކާރުން ދީފައިވާ އިރުޝާދުތައް ހަނދާނުގައި ބެހެއްޓުމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް އެދިވަޑައިގެންފިއެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފަށައި، ވޭދަނަތައް ފެންނަ ފެށީއްސުރެ އެޗްޕީއޭއިން އަބަދުވެސް އިލްތިމާސްކުރަމުން އައީ ގައިދުރުކަން ބެހެއްޓުމާއި، ސެނެޓައިޒްކޮށް، ގިނަ ގިނައިން އަތް ދޮވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާޢި މާސްކް އެޅުމަށެވެ. އަދި ބައްދަލުވާ މީހުންގެ އަދަދު މަދު ކުރަން އެދިފައިވެއެވެ.

މަބްރޫކް ވެސް އިލްތިމާސް ކުރައްވާފައި ވަނީ ޗުއްޓީގައި އުޅޭއިރުވެސް ކޮވިޑުން ދިފާއުވުމަށް އެޗްޕީއޭއިން އަންގާފައިވާ ގޮތަށް މާސްކު އެޅުމާއި، ސެނިޓައިޒްކޮށް އަތް ދޮވުމާއި އަދި ގިނަ މީހުން އެއްވެ ނޫޅުމާއި ގައިދުރުކަން ބެހެއްޓުމަށެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުން ރައްޔިތުން ރަށް ރަށަށް ދަތުރުކޮށް އީދު ފާހަގަ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 320،887 މީހުންނެވެ. އަދި ދެ ޑޯޒް ވެކްސިން ޖަހައި ވެކްސިން ފުރިހަަމަ ކޮށްފައިވަނީ 259،761 މީހުންނެވެ. ވެކްސިންގެ ސަބަބުން ކޮވިޑުގައި ބޮޑުވަރުވެ، ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދޭން ޖެހޭ ސްޓޭޖުން ދުރުކޮށްދޭ ކަމަށާއި، ނަމަވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލުކޮށް އާންމު ރައްޔިތުންގެ ރޯލު އަދާކޮށްގެންކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    ތިވާހަކަ ހަނދާން ކޮށްދީބަލަ ކަލޭގެ ރައީސައް؟ ޗުއްޓީ ލިބިގެން އުޅެނީ ރައީސް މީހާ އަކަށްނު؟ އެ އުޅެނީނު އެއްރަށުން އަނެއްރަށުން އެއް ގައުމުން އަނެއްގައުމުން ދަތުރު ކޮށްލަ ކޮށްލާ.