ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ ދެކޮޅަށް އެމްޑީޕީގެ ތެރެއިން ނުކުތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރުގެ މަގާމު ވެސް ފުރުއްވާ އަސްލަމް މި ގޮތަށް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު ބާރުގެ ވާދައެއް އުފެދި އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ނަޝީދު ވަނީ ރައީސް ސޯލިހްއާއެކު ދެން ސިޔާސީ ގޮތުން މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އިދިކޮޅު ޕީޕީއެމް ޕީއެންސީއާއެކު ކޯލިޝަނެއް އުފެއްދުމުގެ ވިސްނުމެއް ވެސް ހާމަކުރައްވައިފައެވެ. އެކަމަކު އެ ކޯލިޝަނަކުން "ލާދީނީ ގޮވުން" އެއީ ޖިނާއީ ކުށަކަށް ހަދަން ތާއީދު ކުރަން ޖެހުމާއި، "އިންޑިއާ އައުޓް" ގޮވުން ތާއީދު ނުކުރުމަކީ ނަޝީދުގެ ޝަރުތެކެވެ.

މީގެ ކުރިން ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަސްލަމް ވިދާޅުވީ މިހާރު އޮތް ސަރުކާރަކީ އެމްޑީޕީގެ ޚިއްސާއެއް އޮތް ސަރުކާރެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަކީ އެމްޑީޕީގެ މެންބަރެއް ކަމަށެވެ. ރައީސް ސޯލިހްއާ ދެކޮޅަށް އެމްޑީޕީ ތެރެއިން ނުކުމެ ޕީޕީއެމް ޕީއެންސީއާ ގުޅިގެން މަސައްކަތް ކުރުމުގެ ޚިޔާލު ފާޅު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ނަޝީދު މިހާތަނަށް ފާޅު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޚިޔާލު ކަމަށާއި އެ ކަން ކުރުމުގެ މިނިވަން ކަން އެމްޑީޕީގެ ކޮންމެ މެންބަރަކަށް ވެސް އޮންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެކަމަކު މުޅި ޕާޓީން ގޮތެއް ނިންމާނީ ޕާޓީގެ ގުނަވަންތަކަށް ނޫނީ ގައުމީ މަޖިލީހަށް ހުށަހަޅައިގެން ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ މުޅި ޕާޓީގެ އެފަދަ އެއްވެސް ނިންމުމެއް އަދި ނެތް ކަމަށެވެ.

2018 ގައި ނަޝީދު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ފުރަތަމަ ނިންމެވިއިރު އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވިއިރު އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި ވެސް ހުންނެވީ އަސްލަމެވެ. ފަހުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހްއަށް ދޭން ނިންމެވުމުން ރައީސް ސޯލިހްގެ ކެމްޕޭން މެނޭޖަރަކަށް ވެސް ހުންނެވީ އަސްލަމެވެ.

2019 ގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައެޅުމުގެ އެތެރޭގެ ޕްރައިމަރީގެ ކެމްޕޭންގައި ވަކި ކެންޑިޑޭޓަކަށް ވޯޓު ދެއްވަން ފާޅުގައި ނަޝީދު ވިދާޅުވީ ވެސް ހަމައެކަނި އަސްލަމްއަށް ވޯޓު ދެއްވުމަށެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް ގެންނަވަން ނަޝީދު ފުރަތަމަ މަސައްކަތް ކުރެއްވީ ވެސް އަސްލަމެވެ.

އެކަމަކު އޭރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތާއީދު ކުރެއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްއަށެވެ. އެކަމަކު އަފީފް މިހާރު ހުންނެވީ ނަޝީދުގެ އަރިހުގައެވެ. އަދި އޭރު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ އިއްތިފާގުން ނަޝީދު ގެންނަވަން ނިންމެވީއެވެ. ނަޝީދު ވެސް "އެކުވެރިއެއް" ގެ ލަފާ ހޯއްދެވުމަށް ފަހު މަޖިލީހުގެ ރައީސަށް ވާން ނިންމެވީއެވެ.

މިހާރު ނަޝީދުއާއި ރައީސް ސޯލިހްއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުން ކަމުގައި ނަޝީދު ފާހަގަކުރައްވަނީ "ލާދީނީ ގޮވުން" އެއީ ޖިނާއީ ކުށަކަށް ހަދަން އޮތް ބިލު މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ފާސްނުކުރުމެވެ. އަދި ބިލު ފާސްކުރުން ލަސް ކުރުން ބަލައިގަންނަން ނަޝީދު ބޭނުންފުޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    ބަލައިގަތަސް ނުގަތަސް ބޯގޯސް މަޖިލީސް ރައީސް މީހާ އެ ދަނީ އެކަން ކުރަމުން. އަސްލަމް ވެސް ޑްރާމާ ދެން ނުކުޅެބަލަ؟ ތިކަހަލަގެ ޑްރާމާ ފެނުނޭ މަޖިލީސް ރައީސް ހޮވަން އުޅުން އިރުވެސް . ތީތި މިހާރު ދިވެހިން ނަށް ވައި، ރައީސް ޔާމީން ހަރާމް ހުކުމެއްގަ އަނިޔާދޭތާ 600 ދުވަސް ވީމަ ޤައުމުގާ ކަމެއް ހިންގަފާނެތީ ބިރުން ތަ ތި އެންމެން މިއަދު މާ އަނގަ ހުޅުވިގެން ތި އުޅެނީ؟

    14
    1
  2. މިތުރާ

    މީނަ މަޖިލިސްގަ އުޅޭތާ 40 އަހަރުވެއްޖެ.ހިތަދޫ މީހުންގެ ހާލުވެސްބަލާނުލާ!