ކޮވިޑް-19 ގެ އާލަމީވަބާގެ ސަބަބުން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުން ގިނަ ރަށްތަކުގައި ވަނީ ހުއްޓިފައެވެ. އެއީ ޢީދު ހަރަކާތްތަކަށް ގިނަ ބަޔަކު އެއްވާއިރު، އެކަމުގެ ސަބަބުން ކޮވިޑްގެ ނުރައްކާ ބޮޑުވެދާނެތީއެވެ. ބަލީގެ ވޭދަނަތައް ނެތް ރަށްތަކުން ފަށައިގެން ވޭދަނަތައް ހުރި ރަށްތަކުގެ މީހުން ވެސް މި ހަރަކާތްތައް ވަނީ މަދުކޮށްފައެވެ.

އެގޮތުން ބަލާއިރު، ތ. ކިނބިދޫ ވެގެން ގޮސްފައިވަނީ އީދުގެ ތެރޭގައި ފަޅުކަމެއް ރަށު ތެރެއަށް ގެނެސްފައިވާ ރަށެއްގެ ގޮތުގައެވެ. ކިނބިދޫއަކީ ޒަމާނުއްސުރެއް ކުލަގަދަކޮށް ބޮޑުކޮށް ޢީދު ފާހަގަ ކުރަމުން އަންނަ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއްރަށެވެ. އެހެން ނަމަވެސް މިއަދު ފެނިގެން ދަނީ ހުރިހާ ރައްޔިތުން ގޭތެރޭގައި ތާށިވެފައި، ޢީދުގެ އުފަލުން މަހުރޫމް ވެފައިވާ މަންޒަރެވެ.

މިއަހަރުގެ ބޮޑު ޢީދު ފާހަގަ ކުރުމަށް އެރަށުގެ ރައްޔިތުން ވަނީ ޢީދު ދުވަސް ފެށުމުގެ ކުރިން ކާބަފައިންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް ކިނބިދޫގައި އުވި ނުގޮސް އޮތް ރީތި ސަގާފަތެއް ކަމުގައިވާ ޢީދު ކުނބުސް އަޅައި ޢީދަށް މަރުހަބާ ކިއުމަށް ތައްޔާރުވެފައެވެ. އެހެން ނަމަވެސް އެއުފާވެރިކަން ނިމިގެން ދިޔައީ ކޮވިޑް-19ގެ ސަބަބުން ރަށް މޮނިޓަރިންގެ ހާލަތަށް ގެނެވުމާއި އެކުއެވެ.

މީގެ ކުރިން ވެސް ކޮވިޑާއި ގުޅިގެން އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެހެން ނަމަވެސް އެއީ ޢީދުގެ ކުރިން ކަމުން ގިނަ ބަޔަކު ތިބީ ޢީދަށް ހުޅުވާލާފައި އޮތުމުން އެކަން ކުލަގަދަކޮށް ފާހަގަ ކުރަން ތައްޔާރަށެވެ.

އެރަށް އެންމެ ފަހުން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ތުއްތު ކުއްޖަކު ފައްސިވުމުން ރަށުގެ ރައްޔިތުން ޢީދު ހަރަކާތެއްގެ ގޮތުގައި ބާއްވަން ނިންމާފައިވާ "ވާދެމުން" ފެށުމަށް މީހުން އެއްވަމުން ދިޔަ ވަގުތުއެވެ.

މީގެ ކުރިން ކިނބިދޫގައި ބޭއްވި ވާދެމުމުގެ ހަރަކާތެއް-- ފޮޓޯ: ވާން ޖަމްއިއްޔާ

އެރަށު ކައުންސިލްގެ ރައީސް އަލީ ހުސެއިން "ވަގުތު" އަށް ވިދާޅުވީ، އެރަށުގެ ކަންކަން ގޮސްފައިވަނީ ރައްޔިތުން ހީވެސް ނުކުރާހާ ދެރަކޮށް ކަމަށާއި އިއްޔެއަކީ ކުލަގަދަކޮށް ޢީދު ފާހަގަ ކުރަން އުޅުނު ދުވަހެއް ކަމަށެވެ.

"އިއްޔެގަ ޢީދު ކުޅެން ތައްޔާރުވެފައި ހުއްޓާ ކުއްލިއަކަށް ފައްސި ވޭދަނައެއް ފެނުނީމަ ހުއްޓާލީ ހުރިހާ ކަމެއް. ދެން ކުރެވޭނެ ކަމެއް ނޯންނާނެތާ ދޯ. މިރަށަކީ ވަރަށް ކުލަގަދަކޮށް މީގެ ކުރިން ވެސް އަދި މިފަހަރު ވެސް ޢީދު ފާހަގަ ކުރަން ތައްޔާރުވި ރަށެއް."

ބޮޑު ޢީދަށް ތައްޔާރުވުމަށް އެކި ކަހަލަ ހަރަކާތްތައް ރާވާފައިވާ ކަމަށާއި އޭގެ ތެރޭގައި ވާދެމުމާއި ބޮޑު ޓީޝާޓު ޕާސް ކުރުމާއި ފުއްޕާހަން ޕާސް ކުރުން ފަދަ ހަރަކާތްތައް ރޭވި ކަމަށް އަލީ ވިދާޅުވިއެވެ. އަލީ ވިދާޅުވީ، އެ ހަރަކާތްތައް ރާވާފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގައިދުރުކަން އިސްކޮށް، މަދު މީހުން ހިމަނައިގެން ކަމަށެވެ.

އާބާދީގެ ގޮތުން 1500 އެއްހާ މީހުން އުޅޭ އެރަށުގެ ކުދިބޮޑު އެންމެން އެކުވެގެން އެރަށުގައި ކާބަފައިންގެ ޒަމާނުއްސުރެ އީދުގައި ހަރަކާތްތައް ހިންގައެވެ. ސަގާފީ ކުޅިވަރުތައް ކޮންމެ އީދަކުވެސް އެރަށުގައި ކުޅެއެވެ.

"ޢީދަށް ގިނަ ބަޔަކު ރަށަށް އައި. ރަށުގެ ދެބައި ކުޅައެއްބައި މީހުންނަކީ މާލޭގައި ދިރުއުޅޭ މީހުން. އޭގެ 70 އިންސައްތަ މީހުން ރަށަށް އައިސްފައިވަނީ. އަނެއްހެން ހުސްކޮށް ހުރި އެއްވެސް ގެއެއް ނުހުންނާނެ"

އަލީ ވިދާޅުވީ، ޢީދަށް ވަރަށް ބޮޑަށް ތައްޔާރުވެފައި އޮއްވާ ކުއްލިއަކަށް ހުއްޓަން ޖެހުމުން ރައްޔިތުންގެ ފަރާތުން ވަރަށް ގިނަ ސުވާލުތަކާއި މާޔޫސް ކަމުގެ އެކި ވާހަކަތައް ކައުންސިލާއި ހިއްސާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން މޮނިޓަރިންގެ ހާލަތުން ރަށް ނަގާނެ ވަގުތަކާއި ބެހޭ ގޮތުން ވެސް ސުވާލު ކޮށްފައިވާ ކަމަށް އަލީ ވަނީ ވިދާޅުވެފައެވެ.

އަލީ ހުސައިން ވިދާޅުވި ގޮތުގައި ކިނބިދޫގައި އީދު ފާހަގަކުރަނީ އެރަށުގެ ރައްޔިތުން އެކުވެގެންނެވެ. ރަށުން ބޭރު ބަޔަކު އެކަމުގައި ބައިވެރި ނުވުމަކީ ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަން އޮތް މިންވަރު ދައްކުވައިދޭ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު އަޟްހާ އީދާއި ޙިލާފަށް މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ގިނަބަޔަކު ވަނީ ރަށްތަކަށް ފުރާފައެވެ. ހާއްސަކޮށް މާލޭގައި ކާރުބާރުބޮޑު މާހަައުލުން ދުރަށް ގޮސް އެތައް ބަޔަކު ތިބީ އާއިލާ ކައިރީގައި އާއި ރަހުމަތްތެރިން ކައިރީގައެވެ. ހާއްސަކޮށް މިފަހަރު އަޟްޙާ އީދާއި ގުޅުވައިގެންނާއި، މިނިވަން ދުވަހާއި ގުޅުވައިގެން ސަރުކާރުގެ މުވައްޒަފުންނަށް ދިން ބޮޑު ޗުއްޓީއާއިވެސް އެކު އެތައް ބަޔަކަށް ހަމަނޭވާއެއް ލުމަށް މާލެ އިން ބޭރަށް ގޮސްފައެވެ.

މިފަހަރު މާލެއިން ބޭރަށް ގިނަބަޔަަކަށް ދެވިފައި ވަނީ މާލެ ސަރަހައްދުގެ ކޮވިޑް-19ގެ ހާލަތު ރަނގަޅުވެ، ދުވާލަކަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް ދަށްވާން ފެށުމުން ދިން ލުއިތަކާއި އެކުގައެވެ. އެގޮތުން މިހާރު ކޮވިޑް ޖެހިގެން ރަނގަޅުވެ 60 ދުވަސް ހަމަނުވާ ފަރާތްތަކަށް ކަރަންޓީނާއި ނުލާ ދަތުރު ކުރެވޭއިރު، ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށްވެސް ކަރަންޓީނާއި ނުލާ ދަތުރު ކުރެވޭ ގޮތް ވަނީ ހަމަޖައްސާފައެވެ.