މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ހަތަރު މީހަކަށް ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި މައްސަލައިގައި ނުވަ މީހަކު ހައްޔަރުކުރިއެވެ.

އޭގެތެރޭގައި އެކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ތުހުމަތުކުރެވެނީ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން އިން ހައްޔަރުކުރި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްއެވެ.

މި މީހުންގެ ތެރެއިން އަދުހަމަކީ ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. މީގެ ތެރެއިން ސައިކަލްގެ ވެރިމީހާ އަކީ ތަހުމީނެވެ. ފާތިހު އަކީ ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކުރި ސައިކަލް އެތަނުގައި ބެހެއްޓި މީހާ ކަމަށްވެއެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ،އެ ހަަމަލައާ ގުޅިގެން އެންމެ ފުރަތަމަ ތުހުމަތު ކުރެވުނު ހަތަރު މީހުންގެ ތަހުގީގާއި ގުޅޭ މައްސަލަ ލިބިފަވާ ކަމަށެވެ. އަދި އިތުރު ތަހުގީގު ކުރިއަށްގެންދަން ޕީޖީން ބައިވެރިވަމުންދާ ކަަަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވިގޮތުގައި، ދައުވާކުރަން ފޮނުވި މީހުންނާއި މެދު 15 ދުވަސް ތެރޭގައި ޕީޖީން ގޮތެއް ނިންމަން ޖެހޭނެއެވެ.

އަދި މިކަމާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ޖުލައި 24 ވަނަ ދުވަހު ބާއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ހަފުތާއެއްހާ ދުވަހު އޭޑީކޭއިން ފަރުވާ ހޯއްދެއްވުމަށް ފަހު، ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ދޮޅު މަހެއްހާ ދުވަހު އެމަނިކުފާނު ފަރުވާ ހޯއްދެއްވިއެވެ. އާއިލާއިން ބުނާ ގޮތުން، އިނގިރޭސިވިލާތަށް ވަޑައިގަތީ ވެސް އިތުރު ފަރުވާއަށެވެ.

ކިޔުންތެރިންގެ ހިޔާލު