މޭއި ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި މައްސަލައިގައި ނުވަ މީހަކު ހައްޔަރުކުރިއެވެ. އޭގެތެރޭގައި އެކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ތުހުމަތުކުރެވެނީ އަދުހަމް އަހުމަދު ރަޝީދު، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން އިން ހައްޔަރުކުރި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްއެވެ.

ފުލުހުން މިއަދު ކުރި ޓުވިޓެއްގައި ވިދާޅުވީ، މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން މުޖާޒް އަހުމަދު އާއި ތަހުމީން އަހުމަދުގެ އިތުރުން އަދުހަމް އަހުމަދު ރަޝީދާއި ހައިޝަމްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައިގައި ހިމެނޭ އަލީ ހައިޝަމްގެ ބަންދަށް އިތުރު 30 ދުވަސް ވެސް ދީފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޝަރީއަށް ނިމެންދެން ހަތަރު މީހަކު ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާއިރު، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން މިއަދު ވިދާޅުވީ، ހަތަރު މީހަކަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ.

މި މީހުންގެ ތެރެއިން އަދުހަމަކީ ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. މީގެ ތެރެއިން ސައިކަލްގެ ވެރިމީހާ އަކީ ތަހުމީނެވެ. ފާތިހު އަކީ ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކުރި ސައިކަލް އެތަނުގައި ބެހެއްޓި މީހާ ކަމަށްވެއެވެ.