އުމުރުން ދުވަސްވީ މީހަކު ދަންޖެހިފައި ހުއްޓާ ނ. މާޅެންދޫން ފެނިއްޖެއެވެ.

މާޅެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ހަސަން “ވަގުތު” އަށް ވިދާޅުވީ، އޭނާ ނިޔާވެފައި ހުއްޓާ ފެނިފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށާއި އެމީހާ އަކީ ބޭސްފަރުވާއަށް މާލޭ ގޮއްސަ އިއްޔެ ރަށަށް އައި މީހެެއް ކަމަށެވެ. އެހެން ނަމަވެސް ފަރުވާ ކުރަމުން އަންނަނީ ކޮންކަހަލަ ބައްޔަކަށް ކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ތުންތުން މަތިން އަޑުއިވޭ ގޮތުގައި އެމީހާއަކީ ނަފްސާނީ ބަލި ހުންނަ މީހެއް. އެހެން ނަމަވެސް އެކަން ކަށަވަރެއް ނުކުރެވޭ“

ހަސަން ވިދާޅުވީ، އެމީހާއަކީ 80 އަހަރުން މަތީގެ މީހެއް ކަމަށާއި އޭނާއާއި އެކީ ގިނަ ބަޔަކު އެގޭގައި ދިރިއުޅެމުން އަންނަ ކަމަށެވެ. އަދި އެއާއިލާއަކީ ރަނގަޅު އާއިލާއެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އެމީހާ މިރޭގެ އިޝާ ނަމާދަށްފަހު ވަނީ ވަޅުލާފައެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.

ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."