ކޮވިޑް-19 ހާލަތު ރަނގަޅު ވުމުން ހއ.ދިއްދުއަށް އަރައި ފޭބުން ހުއްދަކޮށް އެރަށުގެ މޮނިޓަރިން ހާލަތު އުވާލައިފިއެވެ.

ދިއްދޫ ކޮވިޑަށް ބަޔަކު ފައްސިވުމުން އެރަށް މޮނިޓަރިންގެ ހާލަތައް ގެނައީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެއީ އެރަށް މޮނިޓަރިންގައި އޮންނަތާ ގިނަ ދުވަސްތަކަށް ފަހު މޮނިޓަރިން އުވާލިތާ ދެހަފްތާއެއްހާ ދުވަސް ފަހުންނެވެ.

ދިއްދޫ މޮނިޓަރިން އުވާލިއިރު އެރަށުން 146 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. ނަމަވެސް އޭގެތެރެއިން 100 އަށް ވުރެ ގިނަ މީހުން މިހާރު ބަލިން ރަނގަޅު ވެއްޖެއެވެ. މިމަހުގެ 18 ވަނަ ދުވަހަށް ފަހު ދިއްދޫން އެއްވެސް މީހަކު ކޮވިޑަށް ފައްސިވި ކަމަށް އެރަށު ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

ދިއްދޫގެ މޮނިޓަރިން އުވާލުމުން މިހާރު މޮނިޓަރިންގެ ހާލަތުގައި އޮންނާނީ 14 ރަށެކެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޖުމްލަ އަދަދު މަދުވެފައި ވީނަމަވެސް ބައެއް ރަށްރަށުން ފައްސިވާ މީހުންގެ އަދަދު އަދިވެސް މަދެއް ނުވެއެވެ.

މިއަދު ވެސް 144 މީހުން ކޮވިޑަށް ފައްސިވިއިރު އޭގެތެރެއިން 72 މީހުންނަކީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވި މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު