ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރެއްވުނީތީ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެއަކީ އޭރު ޕީޕީއެމް ދޫކުރައްވައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންނެވި 12 މެންބަރުންގެ ތެރެއިން މެންބަރެކެވެ. މި މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައިގެން ތަޅުމަށް ނުވައްދާ އެތައް މަސް ދުވަހު ވެސް ތިއްބެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު ވައްޑެ މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ. އެކަމަކު ދާދި ފަހުން އޭނާ ވަނީ އަލުން ޕީޕީއެމްއަށް ގުޅިވަޑައިގެންފައެވެ.

"ސަންގު ޓީވީ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވައްޑެ ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އޭނާ ޚިޔާލު ތަފާތުވާ އެތައް ކަމެއް ހުރުމުން އެ ޕާޓީގައި މަޑު ކުރުމަކީ އަޚްލާގީ ގޮތުން ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި ދެކެވަޑައިގަންނަވާތީ އެ ޕާޓީން ދޫކުރައްވަން ނިންމެވީ ކަމަށެވެ.

ވައްޑެ ވިދާޅުވީ ޕީޕީއެމްއަކީ އަބަދުވެސް އޭނާގެ "ގެ" ކަމަށާއި ޕީޕީއެމްއާ ދުރުގައި ހޭދަކުރެވުނު ދުވަސްތަކުގެ ތެރޭގައި އެ ކަން އިހްސާސް ކުރެވުނު ކަމަށެވެ. އަލުން އަނބުރާ އަމިއްލަ "ގެ" އަށް އާދެވުމުން އެ ކަމުގެ ހިތްހަމަޖެހުން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ބައެއް ކަންކަމާ މެދު އޭނާގެ ހިތްހަމަނުޖެހުން އޮތް ކަމަށާއި އެއީ ރައީސް ޔާމީންގެ ސަބަބުން ހިނގައިދިޔަ ކަންކަން ކަމަށް މިއަދު ގަބޫލު ކުރައްވަން ދަތި ކަމަށެވެ.

އެއީ ރައީސް ޔާމީންގެ ވަށައިގެން ތިއްބެވި ބައެއް ބޭފުޅުންގެ ސަބަބުން ހިނގި ގޯސްތަކެއް ކަމަށާއި އެއިން ބައެއް ބޭފުޅުންނަށް އެމަނިކުފާނުގެ ޒައާމަތުގައި ފިޔަވަޅު އެޅިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ބޭފުޅުންނަށް ފިޔަވަޅު ނޭޅުން ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވައްޑެ ވިދާޅުވީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ގައުމަށް އެންމެ ރަނގަޅު ގޮތަކަށް އޮތީ ރައީސް ޔާމީންއަށް ދެވަނަ ދައުރެއް ދިނުން ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި ޔާމީންގެ ވެރިކަމާ ދެކޮޅަށް ނުކުމެ ހުންނެވުމުން ވަރަށް ބޮޑަށް ހިތާމަ ކުރެއްވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީން ހޮވަން އޭރު އަޅުގަނޑަށް މަސައްކަތް ކޮށްނުދެވުނީތީ، އެ ވެރިކަމާ ދެކޮޅަށް ހުރެވުނީތީ، އެއީ އަޅުގަނޑު، ރައީސް ޔާމީންގެ ކިބައިން ވެސް، އަދި ދިވެހި ރައްޔިތުންގެ ކިބައިން ވެސް މާފަށް އެދޭ ކަމެއް،" ވައްޑެ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންތިޚާބު ކުރަން މަސައްކަތް ކޮށްދެވުމަކީ ހެދުނު ގޯހެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވައްޑެ ވިދާޅުވިއެވެ. އެ ކަން އިސްލާހު ކުރަން ރައީސް ޔާމީން މިނިވަންކޮށް 2023 ގައި ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންއަށް ދަށު ކޯޓުން އިއްވި އެ ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކުރިއެވެ. މިހާރު އެ މައްސަލަ އޮތީ ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓުގައެވެ.

ޔާމީންގެ އެތައް ހާސް ސަޕޯޓަރުން ދެކޭ ގޮތުގައި އެއީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ "ނުހައްގު" ހުކުމެވެ. ޔާމީން ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީއިން ވެސް ގެންދަވަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އެތައް މަސައްކަތެއް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑް

    ހިތުން ރުހުމުން މާފް ކުރިކަން ރައްޔަތުންނަށް ސާބިތު ކޮށްދެއްވާ،؟ ރައީސް ޔާމީން މިނިވަންކުރަން ކުރާ މަސައްކަތް ﷲ ރަހުމަތުން ކާމިޔާބު ކުރުމަށް ވައްޑެގެ ހުރި ވަރުދައްކުވާ ރައީސް ޔާމީން އަށް އެކަން ސާބިތު ކޮށްދެއްވާ؟ މާފު ކުރުމަކީ މަތް ސިފަ އެއް.

  2. ދިހާނު

    ވައްޑެއަށް މާފުކޮށްފިން އިންސާފުވެރި ބޭފުޅުންނަކީތީ ޤައުމާ ދީނުގެ ދިފާޢުގައިި ހެޔޮގޮތް ޚިޔާރު ކުރައްވާ

  3. ބުއްޅަ

    މާދަހަމާ ފެންނާނީ އެހެން ދިމާލަކުން. އެއްވެސް ތާކުން ރަގަޅު ފަދައެއް ނޔވެގެން އުޅޭ ބުރާންޗެއް.