އިލެކްޝަން ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލާ، އެ އިދާރާ ބަދުނާމް ކުރުމަށް ދާދިފަހުން ސިޔާސީ ޕާޓީއެއް ހަދަން ހުށަހެޅުއްވި އަބްދުﷲ ކަމާލުއްދީން ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލި ކަމަށް އެ ކޮމިޝަން ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބް "ވަގުތު" އާއި ވާހަކަދައްކަވަމުން ވިދާޅުވީ ސިޔާސީ ބޭނުމެއްގައި ކަމާލުއްދީން އުޅުއްވީ އެ އިދާރާގެ ނަން ހަޑިކޮށްލުމަށް ކަމަށެވެ. އަދި ކަމާލުއްދީންއަށް ސިޔާސީ ޕާޓީއެއް ހަދަން ހުއްދަ ނުދިނުމުން މީޑިއާތައް މެދުވެރިކޮށް ކަން ހިނގާ ދިޔަ ގޮތް ރައްޔިތުންނަށް އޮޅުވާލި ކަމަށް އޭނާ ވިދާޅުވިއެވެ.

"ގައުމީ އެއްބައިވަންތަ" ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ކަމާލުއްދީން ހުށަހެޅުއްވި ފޯމު އީސީއިން ބާތިލުކުރީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ކަމާލުއްދީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށެވެ ބުނެއެވެ.

އޭގެ ތަފްސީލް ދެއްވަމުން އީސީން ވިދާޅުވީ، އެކަން ބާތިލް ކުރީ އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އޭނާގެ ނަން އޮތުމުން ކަމަށެވެ. އޭނާ އަދިވެސް އެމްއާރުއެމްގައި ހުރި ކަމަށް ބުނެއެވެ.

އެކަމަކު އޭގެ ދުވަސްތަކެއް ކުރިން އޭނާ ކަމާލުއްދީން އެމްއާރުއެމުން ވަކިވި ކަން އާންމުކޮށް އިއުލާން ކުރިއެވެ. އަދި ޖޫން 30 ވަނަ ދުވަހު އޭނާ އެމްއާރްއެމް އިން ވަކިވާން ފޮނުވި ސިޓީ މީސްމީޑިއާގައި ހިއްސާކުރިއެވެ. އަދި އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް މި ކަން ޓްވިޓާ މެދުވެރިކޮށް ހާމަކުރެއްވިއެވެ.

މިކަމާއި ގުޅިގެން ކަމާލުއްދީން ވަނީ ބަލަންވީ ވަރަށް ނުބަލައި ރައްޔިތެއްގެ ހައްގު ހިފަހައްޓާތީ ހިތާމަކުރާ ކަމަށް ބުނެ އީސީއަށް ފާޑުވިދާޅުވެފައެވެ.

އީސީގެ ނައިބު ރައީސް ހަބީބް ވިދާޅުވީ އެމްއާރުއެމުން ވަކިވާން ކަމާލުއްދީން ހުށަހެޅުއްވި ނަމަވެސް ޕާޓީއިން އެކަން އޭރު އީސީއަށް އަންގާފައި ނުވާ ކަމަށެވެ. އަދި ކަމާލުއްދީން އެމްއާރުއެމުން ވަކިކޮށްދިނުމަށް އެމްއާރުއެމް އިން އެދުނީ ޕާޓީ ރަޖިސްޓްރީކޮށް ނުދިިނުމުން އެކަމާއި ހިތްނުތަނަވެސްވެ، ކަމާލުއްދީން ޓްވީޓް ކުރެއްވުމުން ކަމަށް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވި ގޮތުން ސިޔާސީ ޕާޓީއަކުން ވަކިކޮށްދޭން އީސީގައި އެދެން ޖެހޭނީ އެމީހެއް ރަޖިސްޓްރީކޮށްފައިވާ ޕާޓީއެއްގެ ފަރާތުންނެވެ. ސިޔާސީ ޕާޓީއަކުން ވަކިވާން އެ ޕާޓީއެއްގެ އިދާރާއަށް ހުށަހެޅި ނަމަވެސް އެޕާޓީއެއްގެ ދަފްތަރުން އެމީހެއްގެ ނަން ނެނގޭނީ އިދާރީ އޮނިގަނޑުގެ ތެރެއިން ކަން ހަބީބް ފާހަގަކުރެއްވިއެވެ. އަދި ކަމާލުއްދީން މައްސަލާގައި އެމްއާރުއެމުން އެކަން އީސީއަށް އަންގާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

"ސިޔާސީ ގޮތުން އީސީ ބަދުނާމްކޮށް އަގު ވައްޓާލަން ކަމާލުއްދީން ވަނީ ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި. އީސީއަކުން ބަލާކަށް ނުޖެހޭ ކަމާލުއްދީން ޕާޓީއިން ވަކިވާން ހުށަހެޅިތޯ ނުވަތަ ނޫންތޯ. އެކަން އީސީއަށް އަންގާނީ ޕާޓީގެ ފަރާތުން. އެމްއާރުއެމުން ވަކިވާން ކަމާލުއްދީން އެދިފައިވާ ކަމަށް ބުނެ އެ ޕާޓީއިން އީސީއަށް މެއިލްއެއް ކުރީ ޕާޓީ ރަޖިސްޓްރީ ނުކޮށްދިނުމުން އެކަމާއި ހިތްނުތަނަވަސްވެ ކަމާލުއްދީން ޓްވީޓެއް ކުރެއްވުމުން" ހަބީބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ކަމާލުއްދީންގެ ނަން އެމްއާރުއެމްގެ ދަފްތަރުން އުނި ކުރެވިފައިވާ ކަމަށެވެ. އަދި އަލުން އަނެއްކާވެސް ޕާޓީ ރަޖިސްޓްރީ ކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.

ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ޕާޓީ ހެދުމުގެ ހުއްދަ ކަނޑައެޅިފައިވާ ތާރީހުގެ ތެރޭ ކަމާލުއްދީނަށް ދޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ. އެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ކަންޑާފައިކަން ފާހަގަކުރެއްވިއެވެ.

ރައީސް މައުމޫން ލީޑް ކުރައްވާ އެމްއާރުއެމްގައި ކަމާލުއްދީން ހަރަކާތްތެރިވިއިރު އޭނައަކީ އެމަނިކުފާނުގެ ވެރިކަމުގައި ވަޒީރު ކަން ހިމެނޭ ގޮތަށް ގިނަ މަގާމުތައް ފުރުއްވި ބޭފުޅެކެވެ.

ރައީސް މައުމޫންގެ އަރިހުގައި ކަމާލުއްދީން މަސައްކަތް ކުރެއްވިއިރު، ވިޔަފާވެރިޔާ އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ލީޑް ކުރައްވާ ޖުމްހޫރީ ޕާޓީގައި ވެސް ކަމާލުއްދީން އުޅުއްވިއެވެ. އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަން ވެސް އޭނާ ކުރެއްވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހަޅައިގެންނެވެ. އޭރުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ބުރުގާ

  ސިކުނޑީގެ ޒައްރެއްގެ މިންވަރު ހުރި މީހެއްވެސް ކަމާލުއްދީނާ ވައިވެސް ނޭޅޭނެ.

 2. ނޫސްކިޔާމީހެއް

  ހަބީބަށް ދުވަހަކު ވެސް ކަމާލުއްދީން ހިނގި މަގަކުން ވެސް ނުހިނގޭނެ.ހަބީބް ތިއުޅެނީ ފެންވަރު އޮޅިގެން.

  1
  1
 3. ޢިޔާބު

  ތިޔަށްވުރެ ނަން ހުތުރު އެހްން ތަނެއް އެބަހުރިތަ

 4. ކޮވިޑް

  ހަބީބޫ ތީ އަޅެފަހެ ނަމެއް އިއްޒަތެއް އޮތް ތަނެތަ؟ އިތުރައް ހަޑިކުރާނެ ނަމެއް އަދި ކަމެއް އޮތް ތަނެއްކަން ކާކު ޤަބޫލު ކުރަނީ؟ ކިޔާ އަޑު އިވޭ 2018 ރިޔާސީ އިންތިހާބު ވަނީ އެމްޑީޕީ ކޯލިޝަން އަށް ވިއްކާލާފައޭ. ގައިމު ވެސް ވޯޓް ކަރުދާސް ތައް ވަގައް އަންދާލި ދޯ ؟

 5. ބޭބެ

  ކަމާލުއްދީން ގޭގައި އޮވެވޭތޯ ބަލާ!! ތިއުޅެނީ އެއްޗެއް ކެވޭތޯ އަދިވެސް!!

  1
  1
 6. ޝާފީ

  ދެން ގޭގަ އޮވެބަލަ. ކަމާލުއްދީން މިހާރު ބަލާ ބެލުމަށް ޢުމުރަށް ވުރެ މުސްކުޅި. ބުއްޑާ ވެއްޖެ. ހަވަޔަށް، ފަޒާ އަށް، ރައްޔިތުން ގަޔަށް ބަޑި ޖަހަން މައުމޫން އޯޑަރު ދިން އިރު ކަމާލުއްދީން ހުރީ މައުމޫނަށް ރުހުމުގެ ލަވަ ކިޔަން. އަތްޖަހަޖަހާ. ދެން ކޮން ޕާޓީ އެއް ތިޔަ ހަދަނީ. ފުރަތަމަ މައުމޫނު ކަހަލަ މީހަކަށް ލަވަ ކިޔުނީތީ ރައްޔިތުން ކިބައިން މަޢާފަށް އެދެން ފެންނަނީ.

  2
  1
 7. މިތުރު

  ތީ ރައްޔިތުން އިތުބާރުކުރާތަނެއްތަ. އީސީ ޝަޜީފު ރިޝްވަތުނެގިކަމަށް ބައެއްމީހުން ތުހުމަތުކުރޭ. އަކްރަމް ޖިންސީގޯނާކުރާ.އަދި ހަބީބުކިޔާ މީހަކުގެވެސް ކޮރަޕްޝަންގެ މައްސލައެއް އުޅޭކަމަށް ރައްޔިތުންކިޔާއުޅޭ. ދެން ނަންރިތިތަނެއްތީ.