ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރާއި މިއަހަރުގެ ދެ އީދުވެސް ގިނަ ރަށްތަކުގައި ފާހަގަކޮށްފައެއް ނުވެއެވެ. ސަގާފީ އާދަކާދަތަކާއި، ކުޅިވަރުތައް ކުޅުމެއް ނެތެވެ. އީދެއް އައިސްގެން އުޅޭހެންވެސް ގިނަ ރަށްރަށަށް ހީނުވެއެވެ.

ނަމަވެސް ރ. އިންނަމާދޫއިން ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ.

މުޅި ރަށުގެ ރައްޔިތުން އީދު އުފާ ފާޅުކުރުމުގައި އުޅުނުއެވެ. އީދު ކުޅިވަރުތަކުގައި މުޅި ރަށު ރައްޔިތުން ޝާމިލުވިއެވެ. ފާހަގަވީ މިި ކުޅިވަރުތައް ކުޅުމުގައި ދެ ޖިންސުގެ ހަމަހަމަކަމަށް ދީފައިވާ އަހައްމިއްޔަތު ކަމެވެ.

ކޯޑި ކެނޑިމުގެ ހަރަކާތްތަކާ އެކު ކުރިއަށް ދިޔަ އީދު ފޯރީގައި އިއްޔެ އޮތީ ފިރިހެންވެރިންގެ ކޯޑިއަށް ބިލަތް އެޅުމެވެ. ފިރިހެން ވެރިންގެ ކޯޑިއަށް ބިލަތް އެޅީ އަންހެންނުންނެވެ.

މި ހަރަކާތުގައި އެރަށު ހުރިހާ އަންހެން ކަނބަލުންހެން ބައިވެރިވިއެވެ. ބޮޑުބެރާއެކު ލަވަ ކިޔަމުން މުޅިރަށުތެރޭގައި ހިނގިއެވެ. މި ހިނގުމުގެ ތެރެއިން ހުރިހާ ފިރިގެންވެރިންނަށާއި، ކުޑަކުދިންނަށް ދަޅާއި ޗޮކްލެޓް ބެހިއެވެ.

1142 ވަނަ އަހަރުގެ އަލްހާ އީދު އިންނަމާދޫގައި ވަރަށް ފޯރިގަދަކޮށް، ހުރިހާ އަންހެންވެރިހެން ބައިވެރިވި - ވަގުތު އިމޭޖްސް: ހުސައިން އަރުބާން ފައްވާޒް

އެ ހަރަކާތަށްފަހު މެންދުރު އެރަށު އަންހެންވެރިން ވަނީ ފިރިހެންވެރިން ކޯޑި ވިޔާތަނަށް މަލާފަތް ގެންގޮސްފައެވެ.

ރޭ ރަށުތެރޭ ފިރިހެން ވެރިން ކޯޑި ދުއްވާފައިވާއިރު މި ހަރަކާތްތައް އަންހެންވެރިންވެސް ކުރިއަށް ގެންދާނެއެވެ. އަދި ކޯޑި ކަނޑާނީ އެ ހަރަކާތްތަކަށް ފަހު މުޅި ރަށުގައި އީދު ފޯރިހިފުމުން ކަމަށްވެއެވެ.

މި ހަރަކާތްތަކާއި ގުޅިގެން "ވަގުތު" އާއި ވާހަަކަދެއްކި އެރަށު އަންހެނެއް ބުނީ އިންނަމާދޫއަކީ ވަރަށް ފޯރީގައި އީދު ފާހަގަކުރާ ރަށެއް ކަމަށެވެ. އަދި ކޯޑި ކެނޑުމުގެ އިތުރުން ދެލި މާލި ނެރުމާއި، ކުލައާއި ފެން ޖެހުމުގެ އިތުރުންވެސް ގިނަ ކުޅިވަރުތައް އޮންނަ ރަށެއް ކަމަށް އޭނާ ބުންޏެވެ.

"ދެ އަހަރަށްފަހު އިންނަމާދޫގައި އަނެއްކާވެސް އީދު ފޯރި މި ހިފީ. ދެ އަހަރެއްވެއްޖެ އީދު ހަރަކާތްތައް މަޑު ޖެހިފައި އޮންނަތާ ކޮވިޑާ ގުޅިގެން. ރަށު ހުރިހާ އެންމެންވެސް ކުޅިވަރުތަކުގައި ބައިވެރިވާނެ. އަނެއްކާ އަންހެންވެރިންނަށް ފިރިހެންވެރިން ދޫކުރާ ގޮތެއް ނޯންނާނެ" އަންހެނުންގެ ހަރަކާތްތުގައި އިސްކޮށް އުޅުނު މީހެއް ބުނިއެވެ.

އެ ރަށު ހަރަކާތްތައް ކުރިއަށް ގެންދަނީ ކައުންސިިލްގެ އެއްބާރުލުމާއި އެހީތެރިކަމާއި އެކު ކަމަށްވެއެވެ.

އިންނަމާދޫ ފާހަގަކޮށްލެވިގެން ދިޔައީ ވަރަށް އެއްބައިވަންތަ އަދި އެކުވެރި ހިތްހެޔޮ މިޖާޒެއްގެ ބަޔަކު ދިރިއުޅެމުން އަންނަ ރަށެއްގެ ގޮތުގައެވެ.