ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޮޑުއީދުގެ ބަންދާ ދިމާކޮށް ސްރީ ލަންކާ އަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ހަވާސާގައި ލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވީ ކޮޅުނބުގައި ހުންނަ ލަންކާ ރައީސްގެ ރަސްމީ އޮފީސްކޮޅުގައި މިއަދު ހެނދުނު އޮތް ބައްދަލުވުމުގައި ދެ ބޭފުޅުން، ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

އެގޮތުން، ފެސިލިޓީތަކަށް ބުރަނުވާނެގޮތަށް އެޅި ފިޔަވަޅުތައް ފާހަގަކުރައްވައި މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަކުރުމަށް ކަމުގައި ދެ ގައުމުގެ ވެރިން ވެސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ވަނީ ދިވެހިރާއްޖެ އާއި ސްރީލަންކާގެ ގާތް ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވައި، ދެ ގައުމުގެ ގުޅުން މުސްތަގުބަލުގައި ވެސް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ކޮޅުނބުގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްގާޒާއި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް، ސަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް އާއި އަނބިކަނބަލުން ފަސްޓް ލޭޒީ ފަޒްނާ އަހުމަދު ލަންކާ އަށް މިދިޔަ އަންގާރަ ދުވަހު ފެށްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ވަޑައިގަންނަވާނީ މާދަމާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝާފީ

    އޮން އެރައިވަލް ވިސާ ލަންކާ އިން ނުދޭތީ އެންމެން ދުބާއީ އަށް އެދިޔައީ ޢީދު ގައި. މި މީހާ (އިބޫ) ދުނިޔޭގެ ޤައުމެއްގެ ވެރިޔަކާއި ބައްދަލު ކޮށްގެން އަދި މިހާތަނަކަށް ރާއްޖެއަށްވީ ފައިދާ އެއް ނެތް.

  2. ބޮޑާބާޒް

    އެދެން ކީކުރަންށޯ؟ ނުރަސްމީ ދަތުރެއްގަގޮސް ދިވެހިންނައް ފޮނިދައްކާލީ އުތަ!

  3. ޙާލަތު

    .އަޅުގަނޑަށް ފެނޭ ޗައިނާ އަށް ދަތުރުފުޅެއް ކުރެއްވުމަށް... އިންޑިއާ އަށާ ނަޝީދަށް އެބަޖެހޭ ރަނގަޅު ފިލާވަޅެއް ނަގައިދޭން

    4
    1
  4. Anonymous

    އޭނަކަހަލަ ފެންވަރުދައް މީހެއް ޗަައިނަާ އައް ނުގެންދާނެ