ކ. އަތޮޅު ކާށިދޫން މިއަދު އިތުރު ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން ފައްސިވި މީހުންގެ ޖުމްލަ އަދަދު 40 އިން މައްޗަށް އަރައިފިއެވެ.

ޖުލައި 13 ވަނަ ދުވަހުން ފެށިގެން ކޮވިޑް ފެންނަމުންދިޔަ އެރަށުން ފުރަތަމަ ފައްސިވަމުންދިޔަ ގިނަ މީހުންނަކީ ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކެވެ.

އެގޮތުން އެންމެ ފުރަތަމަ 12 ވަނަ ދުވަހު ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ތެރެއިން ދެ ސުންކެއް ފައްސިވިއެވެ.

އެއަށް ފަހު ޖުލައި 15 ދުވަހު ވެސް ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ތެރެއިން ސުންކެއް ކޮވިޑަށް ފައްސިވެފައި ވާއިރު ޖުލައި 17 ވަނަ ދުވަހު ވެސް ވަކި ތަރުތީބެއް ނެތި 11 ސުންކެއް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އޭގެ ދެ ދުވަސް ފަހުން ޖުލައި 19 ވަނަ ދުވަހު ނެގި ސުންކުތަކުގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުރެގެން ނެގި 10 ސުންކެއް ކޮވިޑަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންނާ ގާތުން އެއްތާވި ފަސް މީހަކު ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އަދި 20 ވަނަ ދުވަހު ނެގި 154 ސުންކުގެ ތެރެއިން 13 ސުންކެއް ކޮވިޑަށް ފައްސިވެފައި ވެއެވެ.

މިއާއެކު އެރަށުން މިފަހަކުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 42 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 😪

    13 އެއްނޫން މިއަދުވީކީ 18 ވެއްޖެ 😣