ކ. އަތޮޅު ކާށިދޫން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 47 އަށް އަރައިފިއެވެ.

މިހާރު އެރަށުން ކޮވިޑަށް ފައްސިވަމުންދަނީ، ޖުލައި 20 ވަނަ ދުވަހު ނެގި ސުންކުތަކުގެ ތެރެއިންނެވެ. އެ ދުވަހު 154 ސުންކެއް ނެގިއެވެ. އޭގެ ތެރެއިން ނަތީޖާ ލިބުނު 13 ސުންކެއް ވަނީ ފައްސިވެފައެވެ.

އެރަށުން ވަކި ތަރުތީބެއް ނެތި ނެގި ދެ ސުންކެއް ފައްސިވެ، އެރަށް ބަންދު ކުރީ ޖުލައި 13 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެރަށުން ވަކި ތަރުތީބެއް ނެތި ނަގަމުންދާ ސުންކުތަކާއި، ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންގެ ތެރެއިން ނަގަމުންދާ ސުންކުތައް ދަނީ ފައްސިވަމުންނެވެ.

އެގޮތުން ޖުލައި 15 ދުވަހު ވެސް ވަކި ތަރުތީބެއް ނެތި ނެގި ސުންކަކާއި، ޖުލައި 17 ވަނަ ދުވަހު ވެސް ވަކި ތަރުތީބެއް ނެތި 11 ސުންކެއް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އޭގެ ދެ ދުވަސް ފަހުން ޖުލައި 19 ވަނަ ދުވަހު ނެގި ސުންކުތަކުގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުރެގެން ނެގި 10 ސުންކެއް ކޮވިޑަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންނާ ގާތުން އެއްތާވި ފަސް މީހަކު ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.