ށ. އަތޮޅު ފޯކައިދޫން އިތުރު ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 100 އިން މައްޗަށް އަރައިފިއެވެ.

ފޯކައިދޫ ސިއްހީ މަރުކަޒުން އާއްމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި 12 ވަނަ ދުވަހު އެރަށުން ފައްސިވި ވޭދަަނައާ ގުޅިގެން އެރަށުން ގިނަ ސުންކުތަކެއް ނަގާފައިވާއިރު، އޭގެ ތެރެއިން 117 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. އަދި 164 މީހެއްގެ ސުންކު ވަނީ ނައްސިވެފައެވެ.

އެރަށު ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ މައުލޫމަތަށް ބަލާއިރު، މިއަދު އެރަށުން ފައްސިވެފައި ވަނީ 13 މީހެކެވެ.

އެރަށަކީ މިހާރު ރާއްޖޭގައި އެންމެގިނަ މީހުން ކޮވިޑަށް ފައްސިވަމުންދާ ރަށްކަން ފާހަގަކޮށްލަން ޖެހެއެވެ.

ރާއްޖެއިން މިހާތަނަށް 76،332 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 73،531 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލި ޖެހިފައި މިވަގުތު 2،571 މީހަކު ތިބިއިރު، އޭގެ ތެރެއިން 12 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 218 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު