މިއަދު ރާޢްޖެ އިން އިތުރު 122 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 24 މީހުންނެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 81 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން މިއަދު 17 މީހުން ފައްސިވިއެވެ.

މިއަދު ވަނީ ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން މަތީގައި ހުންނަތާ ޖެހިޖެހިގެން ހަތަރު ދުވަސް ވެފައެވެ. ނަމަވެސް މިއަދަކީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު 6072 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. އޭގެތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ %2.01 މީހުންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 2587 މީހުންނަށެވެ. ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ކޮވިޑުން ރަނގަޅު ވެގެން ދޫކޮށްލާފައި ވަނީ 106 މީހުންނެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 11 މީހަކަށް މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އެބަގެންދެއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަނެއްކާވެސް 100 އިން މައްޗަށް އަރާފައި ވާއިރު އީދު ބަންދުގައި ގިނަ ރަށްރަށުގައި މީހުން ޖަމާ ވެގެން ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާތީ ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމުގެ ބިރު ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު