ގދ.ތިނަދޫ މަރިޔަމް މިސްކިތައް އީދު ނަމާދަށް ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވުމުން އެމިސްކިތައް އީދު ނަމާދަށް ދިޔަ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރަން ނިންމައިފިއެވެ.

ތިނަދޫ ކައުންސިލުން މިރޭ ވިދާޅުވީ ތިނަދޫ މަސްޖިދުލް މަރްޔަމް މިސްކިތުގައި އަޟްޙާ އީދުނަމާދުކުރަމުން ދަނިކޮށް އެ މިސްކިތަށް ދިޔަ ފަރާތެއް ކޮވިޑް-19 އަށް ފައްސިވެފައިވާތީ، އީދު ނަމާދަށް މަރްޔަމް މިސްކިތަށް ދިޔަ ފަރާތްތައް ވަކިތަރުތީބެއް ނެތި ކޮވިޑަށް ޓެސްޓް ކުރަން ނިންމާފައިވާ ކަމަށެވެ.

އީދު ނަމާދަށް ދިޔަ މީހުން ކޮވިޑަށް ޓެސްޓް ކުރުމަށް ސުންކު ނެގުން ނެގުން މާދަމާ މެންދުރު 14:00 އިން 15:00 އަށް ހޮސްޕިޓަލުގެ ގޯތިތެރޭގައި ކުރިއަށް ދާނެ ކަމަށް ތިނަދޫ ކައުންސިލުން މައުލޫމާތު ދެއެވެ.

ތިނަދޫގައި ކޮވިޑް ފެތުރެމުން އަންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެރަށުން މިހާތަނަށް 921 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. ނަމަވެސް އޭގެ ތެރެއިން 800 އަށް ވުރެ ގިނަ މީހުން މިހާރު ބަލިން ރަނގަޅު ވެއްޖެއެވެ. މިހާރު ދުވާލަކު ފައްސިވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އިއްޔެ އެރަށުން ކޮވިޑަށް ފައްސިވީ ހަތަރު މީހުންނެވެ.