ފަހަކަށް އައިސް އިންޑިއާގެ ބަސް ދިވެހިރާއްޖެ އިން ގަބޫލު ނުކުރާތީ އިންޑިއާ ކަނޑުގައި ނުފޫޒު ގަދަކުރަން ސީޝެލްސްގެ މުހިންމުކަން އިންޑިއާ ސަރުކާރަށް ވަރަށް ބޮޑުވެފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

އިންޑިއާގެ މީޑިއާތަކުން މިހެން ބުނީ ޝީޝެލްގެ ރައީސް ޑެނީ ފައުރީ އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ދިމާކޮށް ޝާޢިއުކޮށްފައިވާ ރިޕޯޓްތަކުގައެވެ. ޑެނީ އިންޑިއާ އަށް ކުރައްވާ ހަ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ވެސް ބައްދަލުކުރައްވާނެއެވެ.

ޑެނީ މިދަތުރުފުޅު ކުރައްވާއިރު ސީޝެލްގައި އިންޑިއާގެ އަސްކަރީ ބޭސް އެއް ގާއިމު ކުރަން 2015 ވަނަ އަހަރު ވަނީ ސީޝެލް އާއި އިންޑިއާ އާއި ދެމެދު އެއްބަސްވުމެއް ގާއިމު ކޮށްފައެވެ. ނަމަވެސް ސީޝެލްގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ އެއެއްބަސްވުމަށް އަމަލު ކުރުން ހުއްޓުވާފައެވެ. އަދި ޑެނީ ވެސް ވަނީ މިހާރު ސީޝެލްގައި އިންޑިއާގެ އަސްކަރީ ބޭސްއެއް ގާއިމު ކުރުމަށް ދެކޮޅު ހައްދަވާފައެވެ.

އެހެންކަމުން ޑެނީގެ ދަތުރުފުޅުގައި އިންޑިއާ އިން އެންމެ ބޮޑަށް ބާރުއަޅާނީ ސީޝެލްގައި އިންޑިއާގެ އަސްކަރީ ބޭސްއެއް ގާއިމު ކުރެވެން އޮތް ގޮތްތަކެއް ހޯދަން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޗައިނާގެ ނުފޫޒު ރާއްޖޭގެ މައްޗަށް އިތުރުވަމުން އަންނައިރު އިންޑިއާ އިން އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކާއި ގުޅުން ބަދަހިނުކޮށްފިނަމަ އެކަމުގެ ގެއްލުމާއި އިންޑިއާ ލަސްތަކެއް ނުވެ ކުރިމަތިލާން ޖެހޭނެއެވެ.

މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާގެ ހާރިޖީ ސިޔާސަތު ބަލިކަށިވެ ޒަމާންތަކެއް ވަންދެން އިންޑިއާގެ އެކުވެރި ގައުމުތައް ގޮތުގައި އިންޑިއާ އިން ކޮންޓްރޯލް ކުރަމުން އައި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ކޮންޓްރޯލް އިންޑިއާ އަށް ގެއްލިފައިވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަޖަމު

    ރާއްޖޭގެ ދާޚިލީ ކަންކަމާ ނުފޫޒް ފޯރުވުމުގެ ޖާގައެއް އެއްވެސް ބޭރު ޤައުމަކަށް ނުދެވޭނެ އެވެ.އެހާ ދަށުގެން އަބަދަކު ނޫޅެވޭނެ އެވެ.

  2. ރަޝީދު

    މިސްކިތްތަކުގައި ހުޅުޖަހާމީހަކަށް ކުރެވޭނީއެކަން މުސްލިމުންނައްތާންމަސައްކަތްކުރާމީހެއް،

  3. އަލީ

    އަސްކަރީ މަރުކަޒްުތައް އަޅައިގެން އަތްގަދަކުރަން އުޅެނީ ކޮންބައެއްކަން މިހާރު އެބައެނގޭ.

  4. ދިވެހި ރަތަފަ

    ގެރިއާ ހެދި އުޅެން ހަދައިގެން ވާ ގޮތް އެއީ

  5. ނުރަބޯ

    ސީޝެލްސްގެ ޕާލަމެންޓްގައި ތިބީ ގައުމަށް ވަފާތެރި އިޚްލާޞް ތެރި މެންބަރުން، އެހެންވީމާ އިންޑިއާ އިން ސީޝެލްސްގެ ރައީސްގެ ބޮލަށް އެރިގެން ހިންގަން އުޅުނު ޖަރީމާ އެވެރިން އެއޮތީ ހުއްޓުވާފަ.

  6. އަހަންމަދޭ

    އާނ ރަނގަޅު ކޮންމެވެސް އެހެން ދިމާއަކަށް ދޭ. މިތަނަކާ ނުކުޅެވޭނެ. ކަލޭމެންގެ ގޮނޑިކޮއްކޮ ޖަރީމާ ރައީސް ހުރި ދުވަހަކުން އެކަން ވާނީ. އެދުވަހެއް އިރާދަފުޅުން ދެން ދުވަހަކުވެސް ނާންނާނެ