1. ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ފުރާޅު އެއްލާލައިފިއެެވެ.

އެމްއެންޑިއެފް އިން ވިދާޅުވީ، ހިތަދޫ ގެއެއްގެ ފުރާޅު ވަޔާ އެއްލާލުމާއި ގުޅިގެން ސިފައިން އެހީތެރިވުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވީ، މީގެ ދެ ގަޑިއިރު ކުރިން ފަށައިގެން ރާއްޖޭގެ ދެކުނަށް ވިއްސާރަ ކުރަން ފަށާފައިވާ ކަމަށެވެ.

އަދި އެ ސަރަހައްދަށް ވިލާގަނޑުގައި ވައިޖެހެމުން ދަނީ ގަޑިއަކު 23 މޭލު ބާރުމިނުގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި މިހާރު ކުރަމުން އެ ދަނީ މޫސުމީ ވިއްސާރައެކެވެ. އަދި މާދަމާ ރާއްޖޭގެ އެންމެ ދެކުނަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، އާދީއްތަ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.