ކައުންސިލްތަކުން ހިންގާ އެކި މަޝްރޫއުތަކަށް 70 މިލިއަން ރުފިޔާ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

އެމް.އޯ.ޔޫ އޮން 'އިމްޕްލިމެންޓޭޝަން އޮފް ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް (އެޗް.އައި.ސީ.ޑީ.ޕީ)' ގައި ސޮއި ކޮށްފައިވަނީ މިނިސްޓަރ ޝާހިދު އަލިފް ދާލުގެ ޖެނެރަލް އެސެމްބްލީގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އިންޑިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރާއި އެކުއެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ، މި އެމް.އޯ.ޔޫގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި އަދި ސިޓީ ކައުންސިލްތަކުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ 9 ނުވަތަ 10 ހައި-އިމްޕެކްޓް މަޝްރޫއުއަށް އިތުރު 70 މިލިއަން ރުފިޔާ ފޯރުކޮށްދެވޭނެ ކަމަށެވެ.

އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް މަގުފަހި ކުރުވާ މިމަޝްރޫއުތަކުގެ ތެރޭގައި ތައުލީމީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްގީއާއި، ސިއްހަތާއި ކޮމިއުނިޓީ ޑިވެލޮޕްމެންޓާއި، ތިމާވެއްޓާއި ސަގާފީ ތަރިކަ ހިމާޔަތް ކުރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ކުޑަކުދިންގެ ވެލްފެއާ އާއި ގުޅުން ހުރި ކަންކަން ހިމެނެއެވެ.

އެކޮމިޝަނުން ބުނީ 2019 ވަނަ އަހަރުގެ މާޗް މަހުގައި އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ދިވެހިރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގެ ތެރޭގައި ހަމަ މިފަދަ އެމް.އޯ.ޔޫ އެއްގައި ވަނީ ސޮއި ކުރައްވާފައެވެ. މި އެމް.އޯ.ޔޫ މެދުވެރިކޮށް ފޯރުކޮށްދެވުނު 85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން 12 ހައި-އިމްޕެކްޓް މަޝްރޫއުގެ މަސައްކަތް އެކި ރަށްތަކުގެ ރަށު ކައުންސިލްތަކުން މިހާރު ވެސް ދަނީ އިމްޕްލިމެންޓް ކުރަމުންނެވެ.

އަދި ހަމަ އެ ދަތުރުފުޅުގެ ތެރޭގައި އިންޑިއާއިން ފޯރުކޮށްދީފައިވާ 106 މިލިއަން ރުފިޔާގެ ކޭޝް ގްރާންޓްގެ ދަށުން ކުރިއަށް ގެންދެވޭ 18 މަޝްރޫއުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.

މުޅިއަކު 30 ގްރާންޓް މަޝްރޫއުގެ ތެރެއިން 12 މަޝްރޫއު ނިމި، އިފްތިތާހު ކުރެވިފައިވާއިރު، ބާކީ ހުރިހާ މަޝްރޫއުއެއްގެ މަސައްކަތް 2021 ވަނަ އަހަރުގެ ނިޔަލައް ނިންމާލެވޭނެކަމަށް ކޮމިޝަނުން ވަނީ ލަފާ ކޮށްފައެވެ.

އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ހިންގޭ ހައި އިމްޕެކްޓް މަޝްރޫއުތަކަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ދިވެހި ސަރުކާރުން ސިއްހީ ދާއިރާގެ ކުރިއެރުމާއި، ތައުލީމީ ދާއިރާގެ ކުރިއެރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވާނޭހެން ހޮވާފައިވާ މަޝްރޫއުތަކެކެވެ.

މި ގްރާންޓް އެހީގެ ދަށުން ފެށިފައިވާ މަޝްރޫއުތަކުގެ ތެރޭގައި މަސް ޕްރޮސެސިން ޕްލާންޓް ގާއިމް ކުރުމުގެ މަޝްރޫއުއާއި، އިކޯ-ޓޫރިޒަމް ޒޯން ގާއިމް ކުރުމުގެ މަޝްރޫއުއާއި، ޑްރަގް ޑީޓޮކްސް ސެންޓަރު ގާއިމް ކުރުމުގެ މަޝްރޫއުއާއި، ފެން ބަންދުކުރާ ޕްލާންޓް ގާއިމް ކުރުމުގެ މަޝްރޫއުއާއި ސޮއިލް ޓެސްޓިން ލެބް ގާއިމް ކުރުމުގެ މަޝްރޫއު ހިމެނެއެވެ.

މީގެ އިތުރުން ގްރާންޓް އެހީގެ ދަށުން ކުޅިވަރާއި ގުޅޭ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ސިޓީ ކައުންސިލްތަކަށް ބޭނުންވާ އުޅަނދުފަހަރާއި މެޝީނަރީ ހޯދުމާއި، މުއައްސަސާ ތަކުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާއި، ސްކޫލްތަކުގެ ކްލާސްރޫމްތައް ބިނާކުރުމާއި، ކޮމިއުނިޓީ ސެންޓަރުތައް ގާއިމް ކުރުމާއި، ކުޑަކުދިންގެ ޕާކު ހިމެނޭ ހެން ޕާކްތައް ގާއިމް ކުރުން ފަދަ މުހިންމު އެތައް ދާއިރާއެއްގެ މަސައްކަތް ކުރެވެއެވެ.

ޑިސެމްބަރ 2018 ގައި ރައީސް ޞާލިޙް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި އެއްބަސް ވެވިފައިވާ ފަދައިން، ރާއްޖޭގެ ތަރައްގީއަށް އިންޑިއާ އެހީވުމުގެ ސްޓެރެޓެޖީގެ ދަށުން، ބޮޑެތި މަޝްރޫއުތައް ފަންޑް ކުރުމަށް ހަމަޖެހިފައިވަނީ 1.3 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އާއި ގްރާންޓް އެހީގެ ދަށުންނެވެ. އަދި ގިނަ އަދަދެއްގެ ކުދި މަޝްރޫއުތަކަށް 8.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދެއްގެ ގްރާންޓް އެހީ ފޯރުކޮށްދެވޭނެއެވެ.

އެލް.އޯ.ސީ ގެ ދަށުން ކުރިއަށް ގެންދެވޭ ބޮޑެތި މަޝްރޫއު ތަކުގެ މުއްދަތު ދިގު ނަމަވެސް، މި މަޝްރޫއުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީއަށް ގިންގުނަ ކުރިއެރުންތައް ލިބިގެންދާނެއެވެ. އަދި ކުދި ގްރާންޓް މަޝްރުއު ތަކުގެ ފައިދާ ކުރު މުއްދަތެއްގެ ތެރޭގައި ރަށްތަކުގެ މުޖުތަމައު ތަކަށް ލިބިގެންދާނެއެވެ.

މިފަދަ ކުދި ގްރާންޓް ޕްރޮޖެކްޓްތަކަކީ ރާއްޖެއާއި އިންޑިއާގެ ދެމެދުގައިވާ ގާތް ގުޅުމުގެ މުހިންމު ބައެއް ކަމަށާއި މި ޕްރޮޖެކްޓްތަކަކީ ރަށްތަކުގެ ރައްޔިތުންގެ ބޭނުންތަށް ދެނެގަނެ، އެބޭނުންތައް ފުއްދުމަށްޓަކައި ފަންޑްކުރެވި، ލޯކަލް ކައިންސިލްތަކާއި މިނިސްޓްރީ ތަކުގެ ބެލުމުގެ ދަށުން ހިންގޭ ޕްރޮޖެކްޓްތަކެއް ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

އަދި އެގައުމުގެ އެހީގެ ދަށުން ހިންގަމުންދާ މިފަދަޕްރޮޖެކްޓްތަކުގެ ސަބަބުން ރައީސް ސޯލިހްގެ ސަރުކާރުން ލާމަރުކަޒީ ނިޒާމެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ލިއްބައިދޭ ކަމީ ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމިޝަނުން ބުނީ، އަލަށް ސޮއި ކުރެވުނު އެމް.އޯ.ޔޫގެ މެދުވެރިކޮށް ފޯރުކޮށްދެވޭ 70 މިލިއަން ރުފިޔާގެ ދަށުން ރާއްޖޭގެ އެކި އަތޮޅުތަކުގައި އިޖްތިމާއީ ގޮތުން މުހިންމު އަދި އިގްތިސާދީ ގޮތުން ފައިދާ ކުރުވަނިވި އައު އެތައް މަޝްރޫއުއެއް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަބަރޭ

    ޢަނެއް ދަރަނި ދަންތުރަ

    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    11
  2. ބޭބެ

    އިންޑިޔާއައުޓް#

    12
  3. ކައުންސިލް

    ދެން މިހާރު ސިޔާސީ މައިދާނުން ނުގަނެވި އޮތް އެތިވެސް ގަނެލަނީދޯ؟ މީ ހަމަ އައްޑޫ ގަނެލަން ޖަހާ ރޮކެޓް، #އިންޑިއާއައުޓް #ލާދީނީބައިގަނޑުއައުޓް #ކެނެރީއަންނިއައުޓް #ބަލާވެރިކަމާދެކޮޅު #މިނިވަންރާއްޖެ #އިސްލާމްދިވެހިރާއްޖެ

  4. ލޫޓުވާ

    ބައިވަރު ރުފިޔާ ދޭވަހަކަ ދައްކަނީ. ލޯނުގެ ގޮތުގައި ދޭވަހަކަ ޚަބަރެއްގައި ނުލިޔާ. ނޫސްވެރިންވެސް މިއުލެނީ އިންޑީިޔާ ސަފީރު އަތުން ކައިގެން. ދަރަނީގެ ވާހަކަ ޚަބަރު ނިމުނުއިރުވެސް ނެތް. ދެން ކިހިނެއް ޤައުމެއް ރަނގަޅުވާނީ،