މިއަދު ރާއްޖެ އިން އިތުރު 92 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 21 މީހުންނެވެ. މިއަދު އަތޮޅުތެރެއިން ފައްސިވީ 48 މީހުންނެވެ. ރިސޯޓްތަކުން މިއަދު 18 މީހުން އަދި އިންޑަސްޓްރިއަލް ރަށްތަކުން ފަސްމީހުން ފައްސިވިއެވެ. މިއަދަކީ ފާއިތުވި ފަސް ދުވަހުގެ ތެރޭގައި އެންމެ މަދުއަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު 5940 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %1.55 މީހުންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު މިއަދު ވަނީ 2606 އަށް އިތުރުވެފައެވެ. އޭގެ ތެރެއިން 11 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އިއްޔެ ކޮވިޑް ޖެހިފައި ތިބީ 2587 މީހުންނެވެ. ކޮވިޑުން ރަނގަޅު ވެގެން މިއަދު 73 މީހަކު ވަނީ ދޫކޮށްލާފައެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު 100 އިން މަތީގައި ހުންނަތާ ހަތަރު ދުވަސް ފަހުން މިއަދު އަދަދުތައް މަދުވި ނަމަވެސް އީދުގެ ކުޅިވަރު ހަރަކާތްތައް މިހަފްތާގައި ގިނަ ރަށްތަކެއްގައި ކުރިއަށް ގެންގޮސްފައި ވުމުން ގިނަ ރަށްތަކެއްގެ ހާލަތު ގޯސްވެގެން ދިއުމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައެވެ.