މީގެ 16 އަހަރު ކުރިން އެމްޑީޕީ އުފައްދައި ހޯދަން ނުކުތް ކަންކަން އެމްޑީޕީއަށް އޮޅިފައިވާ ކަމަށް އިިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުން ކަމުގައިވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު ޚިޔާލު ތަފާތުވުން ވަރަށް ބޮޑަށް ވަނީ އުފެދިފައެވެ. ސިޔާސީ ގޮތުން ރައީސް ސޯލިހްއާއެކު މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދުއާ ވަރަށް އަރިސް މެންބަރެއް ކަމުގައިވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެފައިވަނީ ނަޝީދު މިހާރު އޮތް ހާލުކޮޅުގައި އޮންނަވައިގެން ވެސް އެ ހާލަތަށް ގައުމު ދިޔަ ސަބަބު ވިދާޅުވުމުން އެ ކަމުގައި އެމްޑީޕީގެ އެހެން މެންބަރުންނަށް ދެއްކޭނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެފައިވަނިކޮށް، ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީ އުފެއްދިތާ 16 އަހަރު ފަހުން ލިބުނީ އެ ޕާޓީން ހޯދަން އުޅުނު ކަންކަން ނޫން އެހެން ކަމެއް ކަން އެ ޕާޓީގެ ލީޑާޝިޕް އިން ފެށިގެން އެންމެ އާންމު މެންބަރަަށް ވެސް އެނގޭނެ ކަން ޔަގީންވާ ކަމަށެވެ.

"މީގެ 16 އަހަރު ކުރިން އެމްޑީޕީ ހޯދަން ނުކުތް އެތި މިއަދު އެމްޑީޕީއަށް ވެސް އޮޅިއްޖެ، ލައްކަ ވާހަކަ،" ޝިޔާމް ލިޔުއްވާފައިވެއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފުރަތަމަ އޭޑީކޭއިން ފަރުވާ ހޯއްދެވިއެވެ. އޭގެ ފަހުން ޖަރުމަނުގައި ހުރި މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ކުރެއްވިއެވެ. މިހާރު ނަޝީދު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

މި ހަމަލާއަށް ފަހު، ނަޝީދު ބޭނުންފުޅު ނުވާ ގޮތަކަށް ސަރުކާރާއި މަޖިލީހުގައި ކަމެއް ހިނގައިފިނަމަ އެމަނިކުފާނާއި އަރިސް މެންބަރުންގެ ނުރުހުން ސަރުކާރަށާއި ރައީސަށް އަމާޒު ކުރައްވައެވެ.

ނަޝީދު މި ވަގުތު އެންމެ ބޮޑަށް ބޭނުންފުޅުވީ "ލާދީނީ ގޮވުން" އެއީ ޖިނާއީ ކުށަކަށް ހެދުމަށެވެ. ނަޝީދު ބޭނުންފުޅުވާ ގޮތަށް ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ބިލެއް ވެސް ހުށަހެޅުއްވިއެވެ.

އެކަމަކު ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ އެ ބިލުގައި ހިމެނޭ ބައެއް މާއްދާތަކާ މެދު ދީނީ އިލްމުވެރިންނާއި އިސްލާމިކް މިނިސްޓްރީއާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުމާއި ފާޑުކިއުން އަމާޒުވެގެން ދިޔައެވެ.

މާ ބޮޑު ދިރާސާ ކުރުމެއް ނެތި އަދި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމެއް ނެތި ޖުޑިޝަރީ ކޮމިޓީން ބިލަށް ބަދަލުތަކެއް ގެނެސް ތަޅުމަށް ގެނައުމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތުން ވެސް ނިންމީ އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވައި އިތުރަށް ބިލު ފުރިހަމަ ކުރުމަށެވެ. އެކަމަކު އެ ގޮތަށް ނިންމުމުން ނަޝީދުގެ އަރިސް މެންބަރުންނާއި އެމަނިކުފާނު ވަރަށް ބޮޑަށް ކޯފާ އިސްކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ނަޝީދު މިސްރާބު ހިފާފަ އެހެރީ ޑިކްޓޭޓަރޝިޕަކައް. ބަރުލަމާނީ ގެނެސް ވޯޓުވެސް ނުލެވޭގޮތް ހަދަން އެއުޅެނީ

    7
    1
    • ބޭބެ

      އެމްޑީޕީއަކީ މިގައުމުގެ ހަލާކު!! އެމްޑީޕީގެ ލީޑަރ ޝިޕަކީ މިގައުގެ ހަލާކު! މިގައުމަށް ދިމާވެގެން މިއުޅޭ ހުރިހާ ނުބަޔަކީ ހަމަ އެމްޑީޕީ!! އެމްޑީޕީގެ ސިޔާސީ މީހުންގެ އަމިއްލަ ސިޔާސީ އެޖެންޑާ ހާސިލްކުރުމުގެ ބޭނުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި 2007 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަތް ދައްކަމުންދިޔަ އެތައް ދޮގުވާހަކަތަކެއްގެ ސަބަބުތައް މިއަދު މިގައުމުން ފެންނަނީ!! އެމްޑީޕީން ރާއްޖެ ޓެރަރިސްޓުންނަށ ވާގިވެރިވަނީއޭ ބުނީ!! އެމްޑީޕީން ރާއްޖޭގައި އަލްގައިދާ މީހުން އުޅެޔޭ ބުނީ!! އެމްޑީޕީން ރާއްޖޭގެ މުސްލިމުންނާ ދިމާލަށް ހަރުކަށިފިކުރޭ ބުނީ!! އެމްޑީޕީން މިރާއްޖެއަށް ޓޫރިސްޓުން ނައަންނަން ގޮވީ!! އެމްޑީޕީން މިރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް މަލާމާތްކޮށް ވާހަކަ ދައްކަމުން އަންނަނީ! އެމްޑީޕީން މިރާއްޖޭގައި ދީނާ އިދިކޮޅު ފިކުރު އާލާކުރަން ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކާ ހަދަނީ!! އެމްޑީޕީން ގޮވީ އިންޑިޔާ ސިފައިން މިގަައުމަށް އަރަން!! އެމްޑީޕީން މަގުމަތީ އަލިފާން ބޯޅަ އުކާ ފުލުހުންނާ ތަޅާނެ ކުދިންކޮޅެއް ހޯދަން އުޅުނީ!! މިއީ 2007 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށްވެސް އެމްޑީޕީގެ ޢަމަލުތައް ހުރިގޮތަކީ! އެމްޑީޕީއަކީ ހަމަ މިގައުމުގެ ހަލާކު! މިއަދު މިގައުމުން މިފެންނަ ހުރިހާ ނުބައެެއްގެ އަސްލު ފެށިގެން އައިސްފައިމިވަނީ އެމްޑީޕީގެ ވިޔާނުދާ ސިޔާސަތުގެ ތެރެއިން! ޕްލީސް އެމްޑީޕީއާ ދުރުހެލިވޭ! އޭރުން ގައުމު ރަގަނޅުވާނެ!

      3
      1