މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީގެ ފަހުން އެންމެ ބޮޑު ފެއިލިއާއެއް ފެންނަ މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް ކަމަށް އެ ގާނޫނު އަސާސީ ޑްރާފްޓް ކުރި ޚާއްސަ މަޖިލީހުގެ މުގައްރިރުކަން ކުރެއްވި އިބްރާޙީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ނިޒާމުން ރައްޔިތުންނަށް ލިބުނު ފައިދާތަކާއި ގެއްލުންތަކުގެ މައުޟޫއެއްގެ މައްޗަށް ކުރިއަށް ގެންދިޔަ "ކްލަބް ހައުސް" މަޝްވަރާއެއްގައި ބައިވެރިވެވަޑައިގެން އިބްރާ ވިދާޅުވީ ގާނޫނު އަސާސީން ގެނެވުނު ބަދަލުތައް ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށެވެ.

އިބްރާ ފާހަގަކުރެއްވި ކަމަކީ، ސިޔާސީ ޕާޓީތަކުގެ ނިޒާމު އައި ފަހުން ރައްޔިތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ނިސްބަތް އިތުރުވި ކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލު ފާޅުކުރުމަށް އިތުރު ފުރުސަތުތައް ލިބުނު ކަމަށެވެ.

އެހެން ވިޔަސް ގާނޫނު އަސާސީގައި ވެސް އިސްލާހު ކުރަން ޖެހޭ ބައެއް ކަންކަން ހުރި ކަން އޭނާ ވެސް ފާހަގަކުރެއްވިއެވެ. އެއަށް ވުރެ ބޮޑަށް ފާހަގަކުރެއްވި ކަމަކީ ގާނޫނު އަސާސީން އެކުލަވާލަން ޖެހޭ ގާނޫނުތައް އަދި އަދަށް ވެސް އެކުލަވާލާފައި ނެތުމެވެ.

"ރައްޔިތުންގެ މަޖިލީހުގެ ފެއިލިއާއެއް އެބަ އޮތް. ގާނޫނު އަސާސީގައި އެންމެ ބޮޑު ފެއިލިއާއެއް އައިސް އޮތީ ރައްޔިތުންގެ މަޖިލީހުގައި. އެންމެ ބޮޑު ބާރެއް ދީފައި ވެސް އޮތީ ރައްޔިތުންގެ މަޖިލީހަށް، އެހެންވީމަ ވެސް ވާނެތާ އެހެން،" އިބްރާ ވިދާޅުވިއެވެ.

ފެހި ގާނޫނު އަސާސީގެ ދަށުން 75 ގާނޫނެއް އެކުލަވާލަން ޖެހޭ ކަމަށް އޮތެވެ. އެއިން ގިނަ ގާނޫނުތައް އަދިވެސް އެކުލަވާލެވިފައެއް ނުވެއެވެ. ބައެއް ގާނޫނުތައް ގެނައީ ވެސް އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހުކޮޅާއި ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައެވެ.

އިބްރާގެ އެންމެ ބޮޑު ކަންބޮޑުވުމެއް ފާހަގަކުރެއްވި ކަމަކީ ޝަރުއީ ދާއިރާގެ ބައެއް ގާނޫނުތައް އަދިވެސް އެކުލަވާލެވިފައި ނެތުމެވެ. އަދުލު އިންސާފު ކަށަވަރު ނުކުރެވޭ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގަިއ އޮތް އިރު އޭގެ އެއް ހުރަހަކީ ވެސް މި ގާނޫނުތައް ނެތުން ކަން އިބްރާ ފާހަގަކުރެއްވިއެވެ.

"މަދަނީ އިޖުރާއަތުގެ ގާނޫނެއް އަދި ވެސް ނެތް، ގާނޫނު ނެތި މަދަނީ މައްސަލަތައް ޝަރީއަތުގައި ހިނގަމުން މި ދަނީ، އެ ގާނޫނު އަންނަން ދެން މައްސަލަތައް މަޑުޖައްސާލައިފައި ވެސް ނުބެހެއްޓޭނެ." އިބްރާ ވިދާޅުވިއެވެ

ރައްޔިތުންގެ މަޖިލީހަށް އިބްރާ ފާޑުވިދާޅުވިއިރު އަދި މަދަނީ އިޖުރާއަތުގެ ގާނޫނު ލަސްވުމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއިރު، އިބްރާގެ މަސްލަހަތު އޮންނަ މަންދު ކޮލެޖާއި އާއިލީ މަސްލަހަތު އޮންނަ ބިގް ކުންފުންޏަށް ސަރުކާރުން ބަދަލު ނަގައިދޭން ނިންމާފައިވެއެވެ.

މަންދު ކޮލެޖު ހިންގާ ކުންފުންޏަށް މި ސަރުކާރުން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފައިވާއިރު، އިބްރާއަކީ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ބޭބެއެވެ. މީގެ ކުރިން އެ އާއިލާގެ ބޭފުޅުންގެ މަސްލަހަތު އޮންނަ ބިގް ކުންފުންޏަށް ވެސް މި ސަރުކާރުގައި ބަދަލު ނަގައިދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޮހޮއްމާ

    ޔޫސްލެސް ގައި.

  2. ާައަހުމަދު

    އަދިވެސް ގެއަށް ވަންނަވަރު މަދުވީތޯ؟

  3. އެހެންދޯ ތިކިޔަނީ؟

    ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލަނީ ބާރާ ނުފޫޒާ ބޮޑު މުސާރަ ހޯދަން. ދެން މަޖިލީހުގަ ހަޅޭއްފަޅޭއް ލަވަން. އެނޫން އެއްވެސް ކަމަކުނޫން. މަޖިލިސް ހަމައެކަނި ފެއިލްވީއެއްވެސް ނޫން. ރައްޔިތުންގެ އިތުބާރުވެސް ނެތް ކޮރަޕްޝަންގެ ހާއްޔަކަށްވެސް ވީ.

  4. ތުއްތުނާ

    ސުބްހާނަﷲ . ތިހެންކިޔަނިކޮށް ޖަރުމަނުންއައިސް
    އިބުރާގެ ދޫ ބުރިކޮށް ލާފާނެ !!