ރާއްޖޭގެ ޖަލުތަކުގައި އިސްލާމްދީނުގެ ހަރުކަށި ފިކުރަށް ތާއިދުކުރާ ފަންސާހެއްހާ ގައިދީން ތިބި ކަމަށް ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު މިއަދު ވިދާޅުވެއްޖެއެވެ.

ހަރުކަށި ފިކުރުގެ ގައިދީން ރިހެބިލިޓޭޓް ކުރުމަށް މާފުށީ ޖަލުގައި ހާއްސަ ޔުނިޓެއް ގާއިމްކޮށް ހުޅުވާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅުއެވެ.

އެ ޔުނިޓަށް ހަރުކަށި ގައިދީން ބަދަލުކުރުމަށް ބޭރުގެ ފަރާތްތަކާއި ގުޅިގެން ކަރެކްޝަނުން ދަނީ އެސެސްމެންޓެއް ހަދަމުންނެވެ. ފުލުހުންނާއި ސިފައިން ގުޅިގެން ޖަލުތަކުގައި ތިބި ހަރުކަށި މީހުން ހޯދަން ދާދި ފަހުން ވަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގާފައެވެ.

އަހުމަދު މުހައްމަދފުޅު "ވަގުތު" އަށް ވިދާޅުވީ، ހާއްސަ ޔުނިޓަށް ބަދަލުކުރެވޭނީ އެސެސްމެންޓުގެ ތެރެއިން ފާހަގަވާ މީހުން ކަމަށެވެ. ސަތޭކަ މީހުންގެ ޖަގާ ހުންނަ ޔުނިޓަށް ގައިދީން ބަދަލުކުރަން ފަށާނީ އަންނަ މަހުއެވެ. އަހުމަދު މުހައްމަދުފުޅު ވިދާޅުވި ގޮތުގައި މިހާތަނަށް ބެލި ބެލުމުގައި ހަރުކަށި ފިކުރުގެ 50-40 އާ ދެމެދުގެ ގައިދީން ޖަލުތަކުގައި އެބަތިބިއެވެ.

"އެންމެ ގިނައިން ތިބީ މާފުށީ ޖަލުގައި" އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.

އެ މީހުންނާ ގުޅޭ އިތުރު ތަފްސީލެއް އަހުމަދު މުހައްމަދުފުޅު ހާމައެއް ނުކުރައްވައެވެ.

މިފަދަ ޔުނިޓެއް ގާއިމު ވެގެން ދިއުމަކީ ހަރުކަށި ފިކުރުގެ ހަރަކާތްތަކާއި ވިސްނުން ފަތުރަމުންދާ މީހުން ވަކިން ބެހެއްޓުމަށާއި ރިހެބިލިޓޭޓްކުރުމަށް ލުއި ފަސޭހަ ވެގެންދާނެ ކަމެއްކަމަށް ކޮމިޝަނާ އޮޕް ޕޮރިޒަންސް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

އެ ޔުނިޓްގައި ހަރުކަށި ފިކުރުގެ ގައިދީން ރިހެބިލިޓޭޓްކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖްތަމައުއަށް ގެނައުމަށްޓަކައި ހާއްސަ ޕްރޮގްރާމްތަކެއް ހިންގާނެއެވެ. އެގޮތުން ބޭނުންވާ ހުނަރާއި ތަމްރީންގެ ބައެއް ޕްރޮގްރާމްތައް މިހާރުވެސް ވަނީ ޔޫއެންއޯޑީސީ އަދި އީޔޫގެ އެހީތެރިކަމާއެކު އޮފިސަރުންނަށް ކުރިއަށް ގެންގޮސްފައިވެއެވެ.

މިފަދަ ޔުނިޓެއް ގާއިމްކުރާއިރު އޭގެ މުހިއްމުކަން ވަނީ ރާއްޖެއަށް އިންތިހާއަށް ޖެހިފައެވެ. ހަރުކަށި ފިކުރުގެ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ރާއްޖޭގައި ގިނަވަމުން އަންނައިރު ސީރިޔާ ފަދަ ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާ ދިވެހިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

މެއި މަހުގެ ހަވަނަ ދުވަހު ކުރީގެ ރައިސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކީވެސް ހަރުކަށިފިކުރުތަކަށް ތާއިދުކުރާ ބަޔަކު އިސްވެގެން ދިން ހަމަލައާއެކެވެ. އެ މީހުންގެ މޫތައް ރާއްޖޭގެ އެކި ސަރަހައްދުގައި އިތުުރުވަމުންދާކަމީ އެންސީޓީސީއަށް ވެސް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. އެކަންތައް ހުއްޓުވަން ފުލުހުންނާއި ސިފައިން ދަނީ ބައިނަލްއަގްވާމީ އެހިތެރިކަމާއެކު އެކި ކަހަލަ އޮޕަރޭޝަންތައް ހިންގަމުންނެވެ. ދައުލަތުގެ ތެރޭގައިވެސް މިފަދަ މީހުން ތިބޭކަމުގެ އެތައް ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު