މާލެއާއި ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖް ބަލަހައްޓަން ޚަރަދުތަކެއް ހިނގާނެ ކަމަށާއި އެ ޚަރަދުތައް މެނޭޖް ކުރެވޭނެ ގޮތަކަށް ބްރިޖް ބެލެހެއްޓުމާއި މެއިންޓެއިން ކުރުމުގެ އިންތިޒާމު ނުހިނގާ ކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ހައުސިން މިނިސްޓަރުގެ މަގާމުގައި މުއިއްޒު ހުންނެވިއިރު، ފުރަތަމަ ފަހަރަށް ރާއްޖޭގައި ކަނޑު ހުރަސްކޮށް ދެވޭނެ ބްރިޖެއް ގާއިމް ކުރުމަށް ފަހު އޭރު ނިންމާފައި އޮތީ ބްރިޖުން ދަތުރުކޮށްފައިދާ އުޅަނދު ފަހަރުތަކުން ފީއެއް ނެގުމަށެވެ.

މި ފީގެ މައިގަނޑު ބޭނުމަކަށް އޮތީ ބްރިޖް ބެލެހެއްޓުމުގެ ޚަރަދުތައް މެނޭޖް ކުރުމާއި، ބްރިޖަށް ދައްކަން ޖެހޭ ލޯނު އަނބުރާ ދެއްކުމެވެ.

"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ގެ ނަން ވެސް ދެވިފައިވާ އެ ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވިއެވެ. އެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭއެހީއެވެ. 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ޚަރަދުކުރިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ބްރިޖުން ކުރާ ދަތުރުތަކަށް ފީ ނެގުން ފުރަތަމަ މަޑުޖައްސައިލިއެވެ. މިހާރު ސަރުކާރުގެ ވިސްނުމަކަށް އޮތީ އެ ފީ ނުނެގުމަށެވެ.

މުއިއްޒު "ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި މި ކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ ބްރިޖް ދަތުރުތަކަށް ފީ ނެގުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކަނޑައެޅެން ޖެހޭ ކަމެއް ކަމަށެވެ. ސީދާ ސިޓީ ކައުންސިލްގެ ދައުރެއް އެ ކަމުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ބްރިޖް ބެލެހެއްޓުމުގެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސާފައި އޮތް ގޮތެއް ވެސް އަދި ސާފެއް ނުވެއެވެ. އެ ކަންކަން އަދި ސަރުކާރުން ޚިއްސާ ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އޮތް އެރޭޖްމަންޓްއެއް ވެސް އަސްލު ކައުންސިލަކަށް ސާފެއް ނުވޭ. އަޅުގަނޑުމެންނެއް ނޫން ބްރިޖް ބަލަހައްޓަނީއެއް ވެސް. ޕްލޭނިން މިނިސްޓްރީއާއި ޗައިނާގެ ކުންފުންޏާ ގުޅިގެން ބްރިޖް ބަލަހައްޓަމުން ގެންދާ ކަމަށް ބެލެވެނީ،" މޭޔަރު ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު "ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އަހުމަދު އަލީ

މޭޔަރު މުއިއްޒު ވިދާޅުވީ ބްރިޖް ބަލަހައްޓަމުން ނުދާ ކަން ފާހަގަކުރެވޭ ކަމަށެވެ. ބްރިޖްގެ ގިނަ ކަންކަން ބޮއްސުންލައިގެންދާއިރު އެ ތަން ބަލަހައްޓަން ހިނގާ ޚަރަދުތައް އިންތިޒާމު ކުރެވޭނެ ރޭވުމެއް އޮންނާން ވާނެ ކަމަށެވެ.

"ބްރިޖްގެ އެންޓްރެންސްގެ ހުރި އާޗް. އެ ވެސް އެ ހުރީ ދަބަރު ޖަހަން ގާތް ވެފަ. ދެން އޭގެ އެ ހުރި އަކުރުތައް ނުދިއްލޭތާ ވެސް އަހަރަކަށް ވުރެ ދުވަސްތަކެއް ވެއްޖެ. ބްރިޖްގެ ލޭންތަކުގެ އަރިމަތީގައި ވިނަތައް ހެދި، ކުނިތައް ވެސް ޖަމާވޭ. މި ދޭތެރެއަކުން ބްރިޖުން ފައިބާ ފެން ސާފުނުކޮށް ހުންނާތީ ފެނު ރޮގެއް ވެސް އުޅުނު. މެއިންޓެއިން ނުކުރާތީ އެހެން އެ ވަނީ އަސްލުގަ." މުއިއްޒު ތަފްސީލްކޮށްދެއްވިއެވެ.

މޭޔަރު ވިދާޅުވީ ކުރީގެ ސަރުކާރުން ނިންމާފައި އޮތީ މެއިންޓަނަންސްއަށް ޚާއްސަ ޑިޕާޓްމަންޓްއެއް ވެސް އުފައްދަން ކަމަށެވެ. މިގޮތުން އެތައް ބޭނުންވާ މުވައްޒަފުންގެ އަދަދާއި، ދޭން ޖެހޭ ތަމްރީންތަކާއި، އޮފީސް ގާއިމް ކުރާނެ ތަނާއި މި ހުރިހާ ކަމެއް ކަނޑައެޅި ކަމަށެވެ. އެކަމަކު މި ސަރުކާރުގައި އެއިން ކަމެއް ތަންފީޒުކޮށްފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ޓޯލް ފީ ނެގުމާ މެދު ކައުންސިލްގެ އެއްވެސް ދައުރެއް ނެތް، އެއީ ސަރުކާރުގެ ޕޮލިސީއިން ނިންމަން ޖެހޭ ކަމެއް އަސްލުގަ، އެހެންވިޔަސް ބްރިޖްއަކީ މާލެ ސިޓީގެ އިހްތިސާސްގައި ހިމެނޭ ވަސީލަތެއް، ނުބެލެހެއްޓޭނަމަ އަޅުގަނޑުމެން އެއަށް އިންވޯލްވާނަން." މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙަސަން

    މީނަ މޮޔަވެގެންތަ މިއުޅެނީ

    7
    24
  2. ސެންޗޯ

    ނުވަދިހަ ނުވަ އަހަރަށް ފަޅުތަކާ ގިރިތަކާ ކަނޑުގެ އަޑި ވިއްކާ ލައިގެން ލާރި ގަނޑު ދިރުވާ ލައިގެން ތިބެ އަދި ކުރިހުރިހާ ތަރައްގީ އެއްގެ ލޯނު ދެއްކުން މިސަރުކާރުގެ ބޮލުގައި އަޅުވާފަ އޮތީމަ ދެންކޮން ވާހަކައެއް ތި ދައްކަނީ ތި މީހުންނަށް އަނގަ އެރުވޭކަށް ނެތް މަޑުންތިބޭ ކަލޭމެން ދައްކާ ވާހަކަ އަޑުއަހާނީ ހަމައެކަނި ގައުމުގައި ތިބި ގައްދާރުން

    7
    25
    • ބުނަން

      ރައްޔިތުންގެ ލާރިގަޑު އެއްގޮތުން ނުވިއްޔާ އަނެއްގޮތަކުން ވިއްކާ ކަމުން ގެންދަނީ ކޮންބަޔެއްކަން އަހަރުމެން ސައުވީސްގަޑިއިރު ހަމައިގަ ތިބޭމީހުންނަށް ވަރަށް ސާފު. ވެރިކަމަށް އައިސް މިވީ ދެއަހަރާއިބައިގެ ތެރޭގައި ރައްޔިތުންގެ ޚަޒާނާއިން ބުރުއަޅުވާލީ ކިތައް މިލިޔަންކަން ދެނެތިބީމުތޯ؟ ވެރިކަމުން ފައިބާ ދުވަހަކުން އަދިއެނގޭނީ ގައުމުގެ މާލީހާލަތު އަޑިއަރުވާލާފަ އޮތްވަރެއް.

  3. ދޮންކާނަ

    ކަލޭމެން އަބަދުވެސް ވިސްނަނީ ފެލަން ކީއްވެތަ މާލެ ރިންގް ރޯޑް، ހުލުމާލޭ މަގުތަށް ، އައްޑޫ ލިންކް ރޯޑް އަދި ލ ލިންކް ރޯޑް ގަ ދުއުއްވާތީ ފީނުނަގަނީ މިވެސް ހަރަދެއް ކޮއްގެން ހަދާ ފަ ހުރިތަންތަން ނަގާ ޓެކްސް ތަކުން ނާ ކުރާ ޖޫރިމަނާ ތަކުން ތިކަންކަން ބެލެހެއްޓޭނެ އެހެންވެ މީސަރުކާރުން ވެސް ބުރިޖް ފީ ނެގުމުގެ ވިސްނުން ނެތީ

    7
    13
  4. ދަތުރު

    ކަލޭމެން ބަލާބަލަ މާލެ މަގުތަށް މަރާމާތު ކޮށް ބެލެހެއްޓޭތޯ ދުއްވާފަ އެއްޗެއް ގަދާއިރު ވެސް އޮނަގަނޑު ހަލާކުވެ ހިނގާފަ އުލޭއިރު ވެސް އަޑިގުޑަނާ ވަލުގަނޑު ތަކާ ހެދީ ދަނީ ފުމެމުން ހަވާލުވެފަ އޮންންކަންތަށް ނުކެރެވޭ އިރު އެހެންކަންކަމާ ނުބެހެބަލަ

    5
    9
    • ޓެކްސްދައްކާ

      ދުނިޔޭގެ ގައުމުތަކުން ކަންތައްކޮށްއުޅޭ ގޮތް ބަލައިދަސްކުރުން މޮޅުއިތުރު. ހައިވޭތަކުންނާއި ބޮޑެތިބްރިޖްތަކުގައި ދަތުރުކުރާ އުޅަދުތަކުން ފީނަގާ ގޮތަށް އޮންނަނީ ކޮންމެހެން އެ ގައުމުތަކުގައި ޓެކްސްނުނަގާތީއެއްނޫން. ހުރިހާކަމެއް ދައުލަތުގެ ޚަރަދުގައި ނުވަތަ ރައްޔިތުންގެ ޚަޒާނާއިން ހޭދަކޮށްގެން ހަމަޖައްސައިދޭން ޑިމާންޑްކުރަންޏާ ޓެކްސްދައްކާމީހުން ދައްކަންޖެހޭ އަދަދު މަތިނުކޮށެއް އެކަމެއްނުވާނެ.

  5. ޙަދިސައިބު

    ބުރިޖު ބަ ލަހައްޓާނީ ޢިންޑިޔާ ސަފީރު ބުނާ ގޮތަކަށް ނުވަތަ ގެމޯދީއަންގާ ގޮތަކަށް މިސަރުކާރު ގެ ޚާރިޖީ ސިޔާސަތު ރާވަނީ އިންޑިޔާ ސަފީރު

    2
    1
    • ނުދަންނަމީހާ

      އަސްލުވެސް އިންޑިއަ ރުޅިއަތުވެދާނެތީ އެތަން ވީރާނާވާން ދޫކޮށްލަނީ އެކަމަކު ވިސްނާލަން ޖެހޭ ތަންކޮޅަކީ އެއީ ރައްޔިތުންގެ ފައިސާއިން ހަދާފައި ހުރި ތަނެއްކަން އަދި ބްރިޖްގެ ފަސޭހކަން ލިބެނީ ހަމައެކަނި ޔާމީނުގެ ސަޕޯޓަރުންނަށް ނޫންކަން މާލެއާ ހުޅުމާލޭގަ އުޅޭ ހުރިހާ ބަޔަކަށް އެކަމުގެ ފައިދާ ވާކަން. ބްރިޖް ނުހަދާއިރު ވިއްސާރަވެ ކަނޑު ގަދަވީމަ ފެރީ ދަތުރުތައް ހުއްޓަލަން ޖެހިފަ އެބަހުރި ބަލާ އެންމެ މުހިއްމު ހާދިޘާ ހެންވޭރުގައި ހިނގި އަލިފަނުގެ ހާދިޘާ އެކަންވެސް ހައްލުކުރެވުނީ ބްރިޖްއޮތުމުގެ ސަބަބުން ގިނައިރުތަކެއް ނުނަގާ އެއަރޕޯޓް ފަޔަރސިސްޓަމް ގެނެވުނީތީ. އިބޫ ސާލިހަށް އާދޭސްކޮށްފައި ދަންނަވަން ބްރިޖް މަރާމާތުކުރުމުގެ ކަންތައް ފަރުވާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް.

  6. އިއްޔެ އަޅައިގަތް ކަމެއް

    "... "ބްރިޖްގެ އެންޓްރެންސްގެ ހުރި އާޗް. އެ ވެސް އެ ހުރީ ދަބަރު ޖަހަން ގާތް ވެފަ"

    އަސްލު ދަބަރު ޖަހައިފި.