ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ދިހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން ކުރެވުނު މަސައްކަތުގެ ތަފްސީލު ހާމަކޮށްދެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި މައްސަލާގައި މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ. އޭގެ ތެރޭގައި ހަމަލާ ދިނުމަށް ރޭވި އެންމެ އިސް މީހާ ހިމެނެއެވެ. އެއީ ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމެވެ.

އޭނާގެ އިތުރުން، އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ، ވ. ތިނަދޫ ހިޔާ، އަހުމަދު އަދުހަމް ރަޝީދާއި ،މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32އާއި ދަރަވަންދޫއިން އިން ހައްޔަރުކުރި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހާއި، ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމާއި، ގއ. ވިލިގިނގިލި ހުދުރުމާގެ، ފަހުމީ އަލީ އާއި ކ. މާލެ، މ.ކުދުހިގެ، އިސްހާގާއި އއ. މާޅޮސް، އަސަރީގެ މުހައްމަދު ނާޒިމްގެ އިތުރުން ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލިމަނިކެެވެ.

މި މީހުންގެ ތެރޭގައި ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ. އެއީ އަދުހަމް، މުޖާޒް، ތަހުމީންގެ އިތުރުން، ފާތިހެވެ.

އަދުހަމްއަކީ ހަމަލާ ދިނުމަށްޓަކައި، އަތަމާ ޕެލެސް ގޯޅީގައި ހުރެގެން ބޮން ގޮއްވާލި މީހާއެވެ. ތަހުމީނަކީ މި މައްސަލާގައި ހަމަލާދިނުމަށް ބޭނުން ކުރި ސައިކަލުގެ ވެރިފަރާތެވެ. މުޖާޒްއަކީ ހަމަލާ ދިނުމަށްފަހު އަދުހަމް ފިލައިގެން ދިއުމާއި، ލައިގެން ހުރި އަންނައުނު ބަދަލުކޮށް، މާލެ ތެރޭގައި ފިލައިގެން އުޅުމަށް މަގުފަހިކޮށްދިން މީހާއެވެ. އަދި ފާތިހުއަކީ ހަމަލާ ދިނުމަށްފަހު އަދުހަމް ފިލަން އެހީތެރިވުމަށް، މުޖާޒްގެ ގާތާށް އޭނާ ގެންގޮސް ދިން މީހާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސައުފާ

    މިހާރު ދެން މިވީ އަފުރާޝިމްގެ ކޭސްގަ ވީހެން ހަގީގީ މީހުން ދެން ނޭނގޭގޮތައް ތާ.. ތިތިބަ މީހުންނަކީ އަދި މި ހަމަލާގެ އެންމެ އަޑިކަމުގައި ބުއްދީގެ އަހުލުވެރިންނެއް ގަބޫލެއް ނުކުރާނެ.

    4
    3