ރާއްޖެ އިން ބޭރުން އައިސް ކަރަންޓީން ވެގެން ތިބި މީހުންގެ ތެރެއިން ކޮވިޑް-19 އިން ދިފާއު ވުމަށް ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީންގައި ހަތް ދުވަސް ވެފައިވާނަމަ އެމީހުން ކަރަންޓީނުން ދޫކޮށްލަން އެޗްޕީއޭ އިން ނިންމައިފިއެވެ.

އެޗްޕީއޭ އިން ދެންމެ ނެރުނު އެންގުމުގައި ވިދާޅުވީ ޑަބްލިއުއެޗްއޯ އިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބޭނުންކުރުމަށް ހުއްދަދީފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، 14 ދުވަސް (ރާއްޖެ އަންނަ ދުވަހާ ހަމައަށް) ފުރިހަމަކޮށް ރާއްޖެ އައިސް ހަތް ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުން ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. މި ފަރާތްތަކާ އެކުގައި ދަތުރުކޮށް ރާއްޖެއައިސްވެފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީން ދޫކޮށްލަން ވަނީ ނިންމާފައެވެ.

ރާއްޖެއަށް އެތެރެވިތާ ފަސް ދުވަހާއި ހަތް ދުވަހާއި ދެމެދުގެ މުއްދަތު ހަމަވެފައިވާ ފަރާތްތައް ވަގުތުން ޕީސީއާރ ޓެސްޓު ހެދުމަށް ވެސް އެނިންމުމުގައި ވަނީ އަންގާފައެވެ. އަދި ރާއްޖެއަށް އެތެރެވިތާ ފަސް ދުވަސް ފުރިހަމަނުވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވިތާ ފަސް ދުވަހާއި ހަތް ދުވަހާ ދެމެދުގެ ތެރޭގައި ޕީސީއާރ ޓެސްޓު ހެދުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވެ ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ ތެރެއިން ފައްސިވެ ސުންކު ނެގި ތާރީޚުން ފެށިގެން (ރާއްޖެ އަންނަ ދުވަހާ ހަމައަށް) 60 ދުވަސް ހަމަނުވާ ފަރާތްތައް ވެސް ކަރަންޓީނުން ދޫކޮށްލަން ވަނީ ނިންމާފައެވެ. މި ފަރާތްތަކާ އެކުގައި ދަތުރުކޮށްފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީނުން ދޫކޮށްލެވޭނެއެވެ، ނަމަވެސް މި ފަރާތްތަކާ އެކުގައި ދަތުރުކޮށް ރާއްޖެއަށް އެތެރެވެފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެއަށް އެތެރެވިތާ ފަސް ދުވަހާއި ހަތް ދުވަހާއި ދެމެދުގެ މުއްދަތު ހަމަވެފައިވާނަމަ ވަގުތުން ޕީސީއާރ ޓެސްޓު ހެދުމަށް ވަނީ އަންގާފައެވެ. ރާއްޖެއަށް އެތެރެވިތާ ފަސް ދުވަސް ފުރިހަމަނުވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވިތާ ފަސް ދުވަހާއި ހަތް ދުވަހާ ދެމެދުގެ ތެރޭގައި ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެއެވެ.

ވެކްސިން ޖެހުމަށް ފަހު 14 ދުވަސް ފުރިހަމަ ނުވާ ފަރާތްތަކާއި ކޮވިޑް ޖެހުނުތާ ދެމަސް ދުވަސް ފުރިހަމަ ވެފައިވާ ފަރާތްތަކުން 23 ޖުލައިގެ ކުރިން ރާއްޖެއަށް އެތެރެވެފައި ވާނަމަ އެފަރާތްތަކުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭނެއެވެ. އަދި މިފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ޕީސީއާރް ޓެސްޓު ހަދައި ނަތީޖާ ނައްސިވުމުން ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 😐

    ކާށިދޫ އިން 14 މީހުން ޕޮސިޓިވް

  2. ވަރިހަމަ

    ކަލޭމެން ތިޔައުޅެނީ މިތަން ހަލާކުނުކުރެވިގެން

  3. މުޙައްމަދު

    ބޮޑު ރާލޭ ކުޑަ ރާޅޭ ނުކިޔާތި. މީގެ 10 ވަރަކަށް އަހަރު ފަހުން އެއީ ތުއްތު ކުދިންގެ ހަދިޔާ ކަހަލަ ފޮތަކަށް ބަދަލުވާނެ.