ބޯކޮށް ވާރޭ ވެހި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެންމެ ހުދު ސަމާލު ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ދ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. މިއަދު 15:00 އާއި ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އިއްޔެ އިން ފެށިގެން އެކި ވަގުތުތަކުގައި ދެކުނުގެ ސަރަހައްދަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އައީ ހުދު ސަމާލު ނެރެމުންނެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ލަފާކުރެވެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެންހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވެއެވެ.

ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ތިންފޫޓާއި ހަފޫޓާއި ދެމެދުގައެވެ.

މޫސުން ގޯސްވެފައި ވާތީ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.