މެއި މަހުގެ ހަވަނަ ދުވަހުގެރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ހަމަލާ ދިނުމުގައި ބައިވެރިވި މީހުންނާ އިސްލާމްދީނުގެ ހަރުކަށި އުސޫލުތައް ގެންގުޅޭ އައިއެސް ޖަމާއަތާ ގުޅުމެއްވާ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ނަޝީދަށް ހަމަލާދިން މިހުންނާ އެކަމުގައި ބައިވެރިވި މީހުންނާ ގުޅޭ އިތުރު މައުލޫމާތުތަކެއް ފުލުހުން ވަނީ ރޭ ހާމަކޮށްފައެވެ. ހަމަލާއާ ގުޅިގެން މިހާތަނަށް 10 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވައިފައެވެ.

ހަމާލާގައި ފުރާނަ ސަލާމަތްވި ނަޝީދު ދާދި ފަހުން އިންޑިއާގެ "ވިއޯން" ޗެނަލްގައި ވިދާޅުވީ، އެމަނިކުފާނަށް އަމާޒުކޮށް ހަމަލާދިން މީހުންނަނީ އައިއެސްއާ ގުޅުން އޮންނަ ބައެއް ކަމަށެވެ.

ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، ހަމަލާގެ ބައިވެރިންނަކީ އައިއެސްގެ ހިލާފަތަށް ތާއިދުކުރާ މީހުން ކަމުގައިވިޔަސް މެއި ހައެއްގެ ހަމަލާދޭން ބޭރުގެ އެއްވެސް ބަޔަކު އެ މީހުންނަށް އިރުޝާދު ދީފައިވާކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

" އެމީހުންގެ ވިސްނުމުގައި އައިއެސްގެ ހިލާފަތް ގަބޫލްކޮށްގެން އެ ފިކުރު ފެތުރުމަށްޓަކައި މަސައްކަތް ކުރާ ބައެއްކަން އެނގޭ. އަދި އެމީހުން ދައްކަން ބޭނުންވަނީވެސް އެމީހުންނަކީ އައިއެސްއަށް މަދަދުވެރިވާ ބައެއްގެ ގޮތުގައި" ރިޔާޒު ވިދާޅުވިއެވެ.

ނަޝީދަށް ހަމަލާ އަމާޒުކުރީ އެމީހުންގެ ވިސްނުމުގައި ނަޝީދަކީ އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައަޅާފައި އެ މަނިކުފާނުގެ ލޭ ހުއްދަވެފައިވާ ކަމަށް ނިންމައިގެން ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެ މީހުން ދެކޭ ގޮތުގައި ރާއްޖޭ ބިމަކީ "ކުފުރު" ބިމެކެވެ. އަދި ދިވެހި ދައުލަތްވެސް މި ބައި މީހުންނަށް "ކުފުރު" ކުރެއެވެ.

ނަޝީދު އަވަހާރަކޮށްލުމުގެ ތައްޔާރީތައް ވަމުން އައީ 2019 ވަނަ އަހަރުން ފެށިގެންނެވެ. އަދި 2020 ވަނަ އަހަރުގެ ފަހުކޮޅު އެކަމުގެ އަމަލީ މަސައްކަތް ފެށިކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމަނިކުފާނަށް އަވަހާރަކޮށްލަން ރޭވި ސަބަބުތަކުގެ ތެރޭގައި ސިޔާސީ އެކި ފޯރަމްތަކުގައި ދައްކަވާފައިވާ ވާހަކަތާކާއި ދީނާ ގުޅުވައިގެން ދައްކާފައިވާ ވާހަކަތައްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފުއްޓަރުގެ

    ފާފައިން އާގުބޯޓެއް ބަރުވާހެން ބަރުވެ އަތްފަޔަށް ހަށި ނުއުފުލުނީމަ ދެން ދިގުކުރަނީ ތުނބުޅިއެއް. ޢެހިސާބުން އިންސީންގެ ލޮލަށް މީހާ މިހިރީ އައްޝައިހުލް، އުސްތާޒު، އައްލާމާ އަކަށް ބަދަލުވެފަ. އެއިރު އޮންނާނެ ޖިހާދުގެ 6 އާޔަތާއި އޭއިގެ މާނަ ހިތުދަސްވެފަ. އަލްޙަމްދުއްލިއްލާހި ނަމާދުވެސް ކުރާތަންފެންނާނެ. މީހުނާ ވާހަކަ ދެއްކުމުގައި އީރަތްތެރިވެ ނަބަވީ ދެތިން ހަދީސެއް ކިޔަމުންދާނެ. ޜާއްޖޭތިބި އެތައް އަހަރެއްވަންދެން ދިރާސާކުރަމުން ފިގުހު އިލްމު އުނގެނިގެން އައިސްތިބި އިލްމުވެރިން ގެ އަގުވައްޓަންފަށާނެ. މިހާހިސާބުން ދިވެހިން އެންމެ ލޯބިވާ އަމަލުކަމަށްވާ ފިތުނަ އުފައްދާ މީހުންނަށް މަލާމާތްކޮށް ނިކަމެތިކުރުން މެކުހައްޖައްސާފަ މީހުންގެ ހިތުރުހުން ހޯދަމުންދާނެ. މިބައިގަނޑުވެސް ރަނގަޅުކޮށްގެން ތިބި ހަވާރިޖު ބައިގަނޑެއް އެބައުޅޭ.