ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންނަށް އެންމެ ފުނަށް ދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ މަޖީދީ މަގާއި ނީލޯފަރު ހިނގުން ކަންމައްޗަށްވާ ގޮތަށް ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ގޮއްވާލި ބޮމުގެ ހަމަލާގެ ތަހުގީގުގައި ދައުވާ ކުރެވޭ މަރުހަލާއާ ހަމައަށް މިހާރު ވަނީ ގޮސްފައެވެ.

ފުލުހުންގެ ތަހުގީގަށް ލިބިފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގުގައި ހޯދާފައިވާ ކުރިއެރުންތަކަށް ތައުރީފް ކުރައްވާ ކަމަށެވެ.

"މި ތަހުގީގު ނިމޭއިރު މި ހަމަލާގެ އެންމެ ފުންމިނަށް ދެވޭނެ ކަމަށް އުއްމީދު ކުރަން،" މަޖިލީހުގައި ހިތަދޫ އުތުރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަސްލަމް ވިދާޅުވިއެވެ.

ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް 241 ކޮމިޓީގައި ބޮޑު އިންކުއަރީއެއް ވެސް ހިންގިއިރު، އެ އިންކުއަރީއަށް ފުލުހުންގެ އިސް ބޭފުޅުންނާއި ފުލުހުންގެ ވަޒީރު ކަމުގައިވާ ހޯމް މިނިސްޓަރު ވެސް ހާޒިރު ކުރިއެވެ. އަދި މި ހަމަލާގެ އިސް އޮފިސަރެއްގެ ގޮތުގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވެސް ހާޒިރުކުރިއެވެ.

ފަންސާހަށް ވުރެ ގިނަ މީހުން މި އިންކުއަރީއަށް ހާޒިރުކޮށް، އޭގެ މައްޗަށް އެކުލާވާލި އިންކުއަރީ ރިޕޯޓް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އާއި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންއަށް ޚިއްސާކޮށްފައެވެ. އެއީ ދައުލަތުގެ ތިން ބާރުގެ ވެރިންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންނެވެ.

ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދު މިހާރު ދިހައަކަށް އަރައެވެ. އޭގެ ތެރޭގައި އެކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ބުނެ ފަސް މީހެއްގެ ވަނަވަރު ހާމަކޮށްފައިވެއެވެ. އަދި ރޭ ވަނީ ހަމަލާ ރޭވުމުގެ އިސް މީހެއް ކަމަށް ބުނެ އިތުރު މީހެއްގެ ވަނަވަރު ހާމަކޮށްފައެވެ.

ހަމަލާ ރޭވުމުގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރު ކުރީ ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމްއެވެ. ދެން ވަނަވަރު ހާމަ ކުރި މީހުނަކީ ވ. ތިނަދޫ އަހުމަދު އަދުހަމް (25 އ) އާއި، މއ. ފޭރުގެ މުޖާޒް އަހްމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު (32 އ) އާއި، ލ. ގަން ދުންފިނި އުފާ އަހުމަދު ފާތިހް (23 އ) އާއި، ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމްއެވެ.

ބޮމުގެ ހަމަލާއިން ނަޝީދުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭއިން ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދެވިއެވެ. އަދި ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ދޮޅު މަހެއްހާ ދުވަހު ފަރުވާ ހޯދެއްވިއެވެ. މިހާރު އެމަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އެއީ ވެސް އިތުރު ފަރުވާ ހޯއްދެވުމަށް ކަމަށް އާއިލާ އިން ބުންޏެވެ.