މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ މަރާއި ގުޅިގެން ހައްޔަރު ކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެެ މީޑިއާ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުުރި ކުޑަކުއްޖާގެ ބަންދަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. މިފަހަރު މުއްދަތު އިތުރުކޮށްފައި ވަނީ ކުރިން ޖެހި 13 ދުވަހުގެ މުއްދަތު ހަމަވުމުން މިމަހުގެ 20 ވަނަ ދުވަހު ކަަމަށް ފުލުހުން ވިދާޅުވިިއެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 17 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 27 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި ދެ މީހުންނަކީ ކުއްޖާގެ ދެ އެކުވެރިން ކަމަށްވެއެވެ.

ހައްޔަރު ކޮށްފައިވާ ދެމީހުންނަކީ ކުއްޖާ ރަހީނުކޮށް މަރާލި މީހުން ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އެކުއްޖާގެ ހަށިގަނޑު ހުޅުމާލެ އަށް ގެންދިއުމުގައި އެހެން މީހަކު ނުވަތަ އެހެން ބަޔަކު ބައިވެރިވާ ކަމަށް ތުހުމަތު ކުރެވެއެވެ. ފޮށި ހުޅުމާލެ އަށް ގެންގޮސް އެއްލާލި މީހުން މިހާތަނަށް ހައްޔަރު ކޮށްފައިވާކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކުއްޖާ މަރާލި މައްސަލައިގައި ހައްޔަރު ކޮށްފައިވާ 17 އަހަރުގެ ކުއްޖާ އާއި 27 އަހަރުގެ މީހާ އަކީ ވެސް ތަފާތު އެކި ކުށްތަކުގައި އެތައް ފަހަރަކު ފުލުހަށް ހާޒިރުކޮށްފައިވާ މީހުން ކަމަށް މައުލޫމާތު ލިބެއެވެ.