ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމަށް ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ނިންމެވުމުން ޔާމީން މިހާރު ހިތާމަ ކުރައްވާ ކަމަށް ޖަމީލް ވިދާޅުވެއްޖެއެވެ.

ދައުރުގެ މެދު ތެރެއިން ނައިބު ރައީސް ޖަމީލް މަގާމުން ދުރުކުރެވިގެން ދިޔައީ 2015 ވަނަ އަހަރު ރައްޔިތުން މަޖިލީހުން ނެގި ވޯޓަކުންނެވެ. އިތުބާރު ނެތް ކަމަށް ކަނޑައަޅައި ޖަމީލް މަގާމުން ދުރު ކުރިއިރު އެ މައްސަލަ މިހާރު ވެސް އޭނާ ކުށްވެރިކުރެއެވެ.

ޖަމީލް ގަބޫލު ކުރައްވާ ގޮތުގައި އެއީ ގާނޫނާއި ހިލާފަށް ކުރެވިގެން ދިޔަ ކަމެކެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއެވެ. ސުޕްރީމް ކޯޓުގައި އެ މައްސަަލައިގެ އަޑުއެހުމެއް ވެސް ބޭއްވިއެވެ.

ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމެއް މުހިންމު ވަނީ ގާނޫނުއަސާސީގައި ބުނާ ފަދައިން ވެރިކަން ކުރުމުގެ ބާރުގެ ރައްކާތެރިކަމަށެވެ. އަދި އިންތިހާބުވާ ރައީސުންނާއި ނައިބު ރައީސުންގެ ތަގުދީރު ކޮރަޕްޝަނާއި ރިޝްވަތު ނަގައިގެން ނަގާ ވޯޓެއްގެ މައްޗަށް ބިނާވެފައި އޮންނަ އޮތުން ނައްތާލުމަށް ކަމަށް ވިދާޅުވިއެވެ.

މިކަން އޭނާ ސިފަކުރައްވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ލިބުނު "އަނިޔާ" ގެ ގޮތުގައެވެ. އެ އަނިޔާތައް ލިބެމުން ދިޔަ ނަމަވެސް އުސޫލުތަކުގައި ހިފެހެއްޓެވި ކަމަށް ވިދާޅުވިއެވެ. އަދި މަގާމުން ދުރުކުރުމުގެ ކުރިން ސަރުކާރު ބަދުނާމުވާ އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށާއި، ސަރުކާރަށް ކުޑަމިނުން ފާޑުވެސް ވިދާޅުވެފައި ނުވާނެކަން ފާހަގަކުރެއްވިއެވެ.

"ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލް ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކަންކަން ފެށުނުއިރު އެކަންކަން ހިނގަމުންދާ ވާހަކަ ރައީސް ޔާމީންއާ ހިއްސާ ކުރެއްވި ކަމަށެވެ. އެމަނިކުފާނުގެ ސަމާލުކަމަށް އެ ކަންކަން ގެނައި ނަމަވެސް އޭރު ޕާޓީގެ މެމްބަރުން ބޭނުންވީ އެ ހިޔާނާތުގެ މޭސްތިރިއަކަށް ހުންނެވި އަހްމަދު އަދީބު ނައިބު ރައީސްއަކަށް ގެންނަން ކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް އަދީބު ނައިބު ރައީސަކަށް ގެނެއުމުން ރައީސް ޔާމީންގެ ފުރާނަ ދުއްވާލަން މަސައްކަތް ކުރި ކަމަށް ޖަމީލް ތުހުމަތުކުރެއްވިއެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ދަލުގައި ރައީސް ޖެއްސަވަން މަސައްކަތްކޮށް، ފްރޭމް ކުރި ކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.

ޖަމީލް އިޝާރާތް ކުރައްވަނީ ޔާމީންގެ ދެކަނބަލުން ދަތުރުފުޅު ކުރެއްވި ފިނިފެންމާ ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައަށެވެ. ޔާމީންގެ ވެރިކަމުގައި އެ މައްސަލައިގެ ތުހުމަތުގައި އަދީބު ހައްޔަރު ވެސް ކުރިއެވެ. އެމްއެމްޕީއާރުސީ ޚިޔާނާތުގައި އިސްކޮށް އަދީބު ހުންނެވިއިރު، އަދީބު މިހާރު މަސައްކަތް ކުރައްވަނީ ޔާމީން އޭގައި ބައިވެރިވި ކަމުގެ "ދޮގު" ތުހުމަތު އަޅުވައިގެން އެމަނިކުފާނު ބަދަނާމު ކުރަން ކަމަށް ޔާމީންގެ އަރިސް ބޭފުޅުން ގަބޫލު ކުރައްވައެވެ.

"މިއަދު ރައީސް ޔާމީންއަށް ފެނިގެންދާނެ އެމަނިކުފާނަށް އިހްލާސްތެރިކަމާއި އެކު ހިދުމަތް ކުރެއްވި ބޭބޭފުޅުން. އަދީބު ނައިބަކަށް ގެނެސްގެން އޭނާ އުޅުނީ ރައީސްގެ ފުރާނަ ދުއްވާލަން. ދެން އެމްއެމްޕޕީއާރުސީގެ ބޮޑު ވައްކަން ކޮށް އެ ދަލުގައި ރައީސް ޖައްސައިގެން ފްރޭމް ކުރަން. ރައީސް ޔާމީނަށް އަނިޔާވެރިވީ އަޅުގަނޑެއް ނޫންކަން މިއަދު އެމަނިކުފާނަށް އިނގެވަޑައިގަންވާނެ" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އޭރު ރައީސް ޔާމީން ދެކެ ވަރަށް ނުރުހުންވި ކަމަށެވެ. އެހެން ނަމަވެސް މިހާރު އެމަނިކުފާނަށް ހިތް ހަލާސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޖަމީލް ނައިބު ރައީސް ކަމުން ދުރު ކުރުމަކީ އޭރު ކުރެވުނު ރަނގަޅު ކަމެއް ނޫން ކަމަށް ގަބޫލު ކުރައްވައި، ޔާމީން މިހާރު އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. މަނީމަނީ

  ފައިސާގެ ދަހިވެތި ކަމަކީ ހުރިހާކަމެއްގެވެސް ހަލާކު

  23
 2. ޏަވިޔަނި

  ޢަދި.ބުނާނެ މިނިވަން ކުރަން މައްސައްކަތް ކުރީ ތީ ހިތާމަ ކުރަމޭ

  16
  6
 3. މޫސާ އިބްރާހިމް

  މިހާރު ޕޕ އަކިވެސް އމޑޕ އަކީވެސް މާޒީ. ވެރިކަން ލިބުނީމަ ބާރުގެ ބޭނުން ނަހަލާލު ގޮތުގައި ކޮށް، ރައްޔިތުންނަށް އަނިޔާވެރިވީ.
  އުއްމީދަކީ އުމަރު. އުމަރާއެކު ދިވެހިން ކުރާނީ ވަރަށް ތަފާތު ފޮނި ތަޖުރިބާއެއް. އިންޝާﷲ

  11
  23
 4. އަބްދޫ

  ޔާމީނު ދެން ދެރަވާނެ ކަމެއްނެތް . މިއަދު ތިޔަފެންނަނީ އަނބިމީހާގެ އަތްދަށު ވުމުގެ ނަތިޖާ. ޔާމީނަކީ އިހްލާސްތެރިން ވަކިކުރަން ނޭގުނު މީހެއް. ތިމާގެ އިންމެ ބޮޑު ދުސްމަނަކީ ތިމާގެ އަނބި މީހާކަން ވަޒަން ނުކުރެވުނު މީހެއް. އަދީބު ބޭނުންވާގޮތަށް ގައުމުގެންދަން އަނބިމީހާއާއި ހަވާލުކުރުމުގެ ހިތި ފެެނުނުކަމަށް ދެކެން. އަޅުގަނޑު އިން ބައްދަލުވުމެއްގަ ވިދާޅުވި އިހްލާސްތެރިން ވަކިކުރަން ނޭގޭކަމަށް.

  9
  2
 5. ރާކަނި ސައްތާރު

  މިހާރު ހުންނަވާނީ ރާކަނި މަސް ފަރިއްކުޅުވިފައި

  7
  4
 6. ލޮކަލުން

  ޔާމީނަށްވުރެ ބޮޑަށް ފާތުމަ އެކަމާ ދެރަވޭ ލޮލް ކަލޭއުޅޭފާޑެއްދޯ

  10
  1
 7. ދެއްވަދޫ ވަގުން

  ޔާމީން އަށް ނޭނގުނު ތިމާއަށް ހެޔޮއެދޭ މީހުންނާއި އެނޫން މީހުން ދެނެގަންނާކަށް

 8. ޢަލީހަމީދު.

  ޖަމީލުތިޔައީ ރަނގަޅުބޭފުޅެއް ޔާމިނު އަކީވެސް ދިވެހިން ދެކެލޯބިވާ ބޭފުޅެއް ދެބޭފުޅުންނައް އަލުން ރާއްޖޭގެ ވެރިކަން ވާރުތަކޮއް ގައުމު އިސްލާހުކުރުމުގެ ހެޔޮތައުފީގުދެއްވާށި

 9. 1000%

  މިއަދުގެ މެންދުރު އިރު ފަދައިން އިގޭކަމަކީ‘ ޖަމީލުގެ ބޭނުންދާއިރައް އަދިވެސް ހަމަ ލުންބޯ ފަޅިއެއް ފެލާފަ ތޮށިއެއްލާލާ ފަދައިން ހޫރާލެނެކަން.

 10. Anonymous

  ވަރަށް މޮޅު ރިޕޯޓެއް ..