މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ މާލޭގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް ޔޫތް މިނިސްޓަރު އަހަމަދު މަހުލޫފް ތައުރީފް ކުރައްވައިިފިއެވެ.

މަޖިލީސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގުގެ ގިނަ މައުލޫމާތުތަކެއް ފުލުހުން ވަނީ ރޭ ހާމަކުރައްވައިފައެވެ. ހަމަލާދިން މީހުންގެ މޯޓިވްއާ ބައިވެރިވި މީހުން އަދަދާއި ޝާމިލްވާ އިތުރު މީހުންގެ ވަނަވަރުވެސް ފުލުހުން ވަނީ ހާމަކުރައްވައިފައެވެ.

ފުލުހުންގެ ތަހުގީގަށް ތައުރީފް ކުރައްވައި ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި މަހްލޫފް ވިދާޅުވީ، ފުލުހުންގެ ތަހުގީގުން ޔަގީންވި އެއް ކަމަކީ ސަރުކާރުން އަދި ރައީސް ސޯލިހް‬ މިމައްސަލަ ވަރަށް ސީރިއަސްކޮށް ނެންގެވިކަން ކަމަށެވެ.

އަނިޔާވެރި ހަރުކަށި ފިކުރު ނައްތާލަންޖެހޭ ކަމަށާއި، އެކަން ކުރަންވާނީ ހުރިހާ ސިޔާސީ ޕާޓީތަކާއި ދީނީ އިލްމުވެރިންނާއި އަދި ރައްޔިތުންގެވެސް ބައިވެރިވުމާއެކުކަން މަހުލޫފް ފާހަގަކުރެއްވިއެވެ.

ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދު މިހާރު ދިހައަކަށް އަރައެވެ. އޭގެ ތެރޭގައި އެކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ބުނެ ފަސް މީހެއްގެ ވަނަވަރު ހާމަކޮށްފައިވެއެވެ. އަދި ރޭ ވަނީ ހަމަލާ ރޭވުމުގެ އިސް މީހެއް ކަމަށް ބުނެ އިތުރު މީހެއްގެ ވަނަވަރު ހާމަކޮށްފައެވެ.

ހަމަލާ ރޭވުމުގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރު ކުރީ ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމްއެވެ. ދެން ވަނަވަރު ހާމަ ކުރި މީހުންނަކީ ވ. ތިނަދޫ އަހުމަދު އަދުހަމް (25 އ) އާއި، މއ. ފޭރުގެ މުޖާޒް އަހްމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު (32 އ) އާއި، ލ. ގަން ދުންފިނި އުފާ އަހުމަދު ފާތިހް (23 އ) އާއި، ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމްއެވެ.

ބޮމުގެ ހަމަލާއިން ނަޝީދުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް އޭޑީކޭއިން ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދެވިއެވެ. އަދި ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލުން ދޮޅު މަހެއްހާ ދުވަހު ފަރުވާ ހޯއްދެވިއެވެ. މިހާރު އެމަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ފުލުހުންގެ ތަހުގީގަށް އަދި މިހާތަނަށް ނަޝީދުގެ ބަހެއް ލިބިފައިނުވާކަން ރޭ ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަބްރޫހު

    އެކަމު ކަލޭ މައްސަލަ ފުލުން ތަހުގީކުރި ގޮތް ކަލެއްކަށް ކަމަކުނުދިޔައެއްނޫން އެކަމަށްވެސް ފައުރީފްކޮށްބަލާ

  2. ތެދު

    އެހެޔޮދޯ އެމްޑީއެން ﷲއަށް ރަސޫލާއަށް ފުރައްސާރަކުރިޔަސް...ވައިޔާޒްބިﷲ.
    ﷲއަށް އުރެދުމަކީ އެއްމެބޮޑުފާފަ ދެންއެމީހުންނަށް ސަނާކިޔާނީ ހާދަބޮޑު ޖާހިލެކޭ