ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވާ ޓެކްސްޓް މެސެޖްތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ޅިޔަނު މުހައްމަދު ރަޝީދު ހުސައިން މެދުވެރިކޮށް ރައީސަށް ދައްކަން ވާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުގެން ފަސޭހަފުޅު ވި ފަހުން އެމަނިކުފާނު ގެންދަވަނީ ހަރުކަށި ފިކުރާއި ނިރުބަވެރިކަމާ ދެކޮޅަށް ސަރުކާރަށް މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވަމުންނެވެ.

ނަޝީދު ބޭނުންފުޅުވާ ގޮތަށް މަޖިލީހުގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ވެސް ކަންކަން ނުހިނގުމުން އެމަނިކުފާނު ގެންދަވަނީ ނުރުހުން ފާޅުކުރައްވަމުންނެވެ. އަދި ސޯލިހްއާއެކު ސިޔާސީ ގޮތުން ދެން މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް ނަޝީދު ފޮނުއްވާ މެސެޖްތައް ރައީސް ސޯލިހަށް ދެއްކެވުން ބޭނުންތެރި ކަމަށް މިއަދު އެމަނިކުފާނު ފޮނުއްވި ޓެކްސްޓް މެސެޖެއްގައިވެއެވެ.

މި ގޮތުން ނަޝީދު ފޮނުއްވާ ޓެކްސްޓް މެސެޖްތައް ރައީސަށް ދައްކަވަން އެމަނިކުފާނުގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެންބަރު ބިގޭ ކިބައިން ނަޝީދު އެދިވަޑައިގަތެވެ.

"ރައީސުލްޖުމްހޫރިއްޔާ މި ގްރޫޕްގެ ޓެކްސްޓްތައް ކިއުއްވުން ވަރަށް ބޭނުންތެރި، ބިގޭ ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑުގެ ޓެކްސްޓްތައް ދެއްކެވުން ބޭނުންތެރި،" ރައީސް ވެސް އިންނަވާ ގްރޫޕްގައި އެމަނިކުފާނު ބަހެއް ވިދާޅުނުވާތީ ނަޝީދު ފޮނުއްވި މެސެޖްގައިވެއެވެ.

އެ ގްރޫޕަށް ނަޝީދު މިއަދު ފޮނުއްވި ޓެކްސްޓްގައި ވެސް ރައީސްގެ އަރިހުން ބައެއް ކަންކަމަށް އެދިވަޑައިގެންފައިވެއެވެ. މި ގޮތުން ރައީސް ސޯލިހް ފަހަތަށް ޖެހިވަޑައިނުގެން ލީޑް ކުރައްވަން ނުކުންނަވައި ހޯމް މިނިސްޓްރީ ވެސް އެމަނިކުފާނުގެ ބެލުމުގެ ދަށަށް ގެންނަވަން ނަޝީދު އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، ހަރުކަށި ފިކުރު ފަތުރަމުންދާ މީހުން ގިނަވަމުންދާތީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރުން ބޭނުންތެރި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސަށް ނަޝީދުގެ މެސެޖްތައް ދައްކަވަން ބިގޭ ކިބައިން އެދިވަޑައިގެންނެވިއިރު، ރައީސް ބޭނުންފުޅުވާ ގޮތަށް މަޖިލީހުގައި ކަންކަން ނިންމަވަން ލޮބީ ކުރައްވާ އެއް މެންބަރަކީ ބިގޭ ކަމަށް ނަޝީދުގެ އަރިސް މެންބަރުން ވިދާޅުވެއެވެ.

ނަޝީދުގެ ބައެއް ހުށަހެޅުއްވުންތައް ބޭރުކޮށްލަން ކޮމިޓީއެއްގެ މެންބަރުންނަށް ބިގޭ ލޮބީ ކުރެއްވި ކަމަށް ވިދާޅުވެ، ނަޝީދުގެ އަރިސް މެންބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވި ދުވަސްވަރެއްގައި ބިގޭގެ ދިފާއުގައި ރައީސްގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވެސް ނުކުންނެވިއެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ނަޝީދު އެންމެ ބޮޑަށް ނުރުހުންވި އެއް ކަމަކީ "ލާދީނީ ގޮވުން" އެެއީ ޖިނާއީ ކުށަކަށް ހަދަން ފޮނުވި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ފާސްނުކުމެވެ. އެކަމާ ނުރުހުން ފާޅުކުރައްވައި ނަޝީދުއާއި އަރިސް މެންބަރުން ގެންދަވަނީ ރައީސްއާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ާއަިސަ

    .މީނާ ހުންނަނީ ހަމަހޭގައި ހެނެއް ހިޔެއްނުވޭ...

    37
  2. އޯކޭ

    ތިއުޅުއްވަނީ ރައީސް ލައްވާ ގޯސްހައްދުވަން. އަވަހަށް ވެރިކަން ވެއްޓޭނެ ގޮތެއް ވޭތޯބަލަނީ ދޯ؟ ރައީސް ނޫޅުއްވާ މޮޔަވެގެން ނަޝީދު ޖަހާހާ ބެރަކަށް ނައްޓަވާކަށް.

    44
  3. ަަަަަަަަަައަބުދު

    މީނަ މި މުޖުުތަމައު އާ އެއްގޮތައް ބަދަލުވުމެއްނެތް އެހެން އެއްމެން ހައްޔަރުކުރަންވީ؟؟؟؟؟؟؟؟

    18
  4. އަހުމަދު

    ނަޝީދުގެ އަނގަ މުޅި ގައުމުގަ. ސަރުކާރުތަކަށް އެއްޗެހި ގޮވާއިރު ހީވާކަހަލަ ވަރައް ގާބިލު މީހެކޭ. އެކަމަކު ވާކަމެއް ހަރާން

    40
  5. ޙހހހ

    ޙެޔޮނުވާނެ ނަޝީދުއެއްދެން މިޤައުމަކަށްބޭނުމެއްނޫން ނޫން ނޫން

    39
  6. ޖޯޖު

    ބޭކާރު ކަންކަމަށް ވަގުތު ހޭދަކުރެވޭކަށްނެތެ. ނަޝީދަކީ މާޒީއެވެ.

    23
  7. އޭބީ

    މީނަގެ އެއްވެސް ބާރެއް މިހާރު ނެތީ ދޯ؟

    19