ކޮވިޑް-19ގެ ގިނަ ވޭދަނަތަކެއް ފެނި ބަންދުކޮށްފައި އޮތް ގދ. ތިނަދޫގެ ހާލަތު ރަނގަޅުވާން ފެށުމުން، އެރަށް ހުޅުވާލައިފިއެވެ.

ކޮވިޑް ފެނިގެން އެރަށް ބަންދުކުރީ އޭޕްރިލް 24 ވަނަ ދުވަހުއެވެ. އެ ރަށް ބަންދުކުރިތާ ތިން މަސް ފުރުނު ދުވަހަކީ މިއަދެވެ.

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ވަނީ އެރަށް މޮނީޓަރިންގ އުވާލިކަން "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.

އެރަށް ހުޅުވާލާފައިވާއިރު، އެރަށުން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ފައްްސިވިއެވެ. އެގޮތުން އެރަށުން މިހާތަނަށް 927 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން ރެއާ ހަމައަށް ފަރުވާދެމުން ގޮސްފައި ވަނީ 79 މީހަކަށެވެ.

އެރަށުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ.

ތިނަދޫގައި ކޮވިޑް ފެތުރެން ފެށުމާއި ގުޅިގެން 24 ގަޑިއިރަށް ކާފިއު ހިންގިއެވެ. އަދި ރަށުގައި ހަރުކަށި ފިޔަވަޅުތަކެއް އެެޅިއެވެ.

ކޮވިޑާއި ގުޅިގެން ބަންދުކޮށްފައި އޮތް ތިނަދޫ ހުޅުވާލިއިރު، އެރަށަކީ އަތޮޅު ތެރޭގެ ރަށްތަކުން މިފަހަކުން އެންމެ ގިނަ ކޮވިޑް ވޭދަނަތައް ފެނުނު އެއް ރަށެވެ.

ކިޔުންތެރިންގެ ހިޔާލު