ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހުރިހާ ޓީވީ ޗެނަލްތަކުން ވެސް ހަމަހަމަ ފުރުސަތު ދޭން ލާޒިމްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި އެ އިސްލާހުގައި ބުނެފައިވާ ގޮތުން ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ވަގުތު ދޭން ވާނީ ހަމަހަމަކަމާ އެ ކަމަށާއި ވަކި ކެންޑިޑޭޓަކަށް ވަގުތު ވިއްކުމުގެ ފުރުސަތެއް ބްރޯޑްކާސްޓަރުންނަށް ނޯންނާނެ ކަމަށެވެ.

މީގެކުރިން އެ ގާނޫނުގައި ބުނެފައިވާ ގޮތުން ވަކި ކެންޑިޑޭޓަކަށް އިތުރަށް ވަގުތު ދިނުމަކީ މައްސަލައެއް ނޫނެވެ. އަދި މީގެކުރިން ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތެއް ދިނުމަށް ލާޒިމް ކޮށްފައި އޮންނަނީ ދައުލަތުގެ މީޑިޔާއަށެވެ.

މި އޫސުލާއި ހިލާފުވާ ބްރޯޑްކާސްޓަރުންގެ މައްސަލަ ބެލޭނެ އިންތިޒާމު ބްރޯޑްކާސްޓިން ކޮމިޝަނުން ހަމަޖައްސަން ޖެހޭނެ ކަމަށްވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.

އަދި އެ ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ފޮނުވަންޖެހޭއިރު މީޑިޔާއެއްގެ މައްސަލަ އުޅޭނަމަ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމުގެ އިހުތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވެއެވެ.

އިންތިޚާބުތަކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.