ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައި ވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފައި ވަނީ ޅ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 14:00 އިން ފެށިގެން ހަވީރު 17:30 އަށެވެ.

އެ ގަޑީގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފައިވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސްކުރާ ކަމަށެވެ.

މިގޮތުން ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ޚާއްޞަކޮށް ކުދި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް އެމްއެންޑީއެފް އިން އަންގާފައިވާއިރު، ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް އެދިފައިވެއެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެދިފައިވެއެވެ.