ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް މެޓުން ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ އެސަރަހައްދަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ސަމާލުގައި ވަނީ ބުނެފައެވެ.

މެޓުން މި ސަމާލު ނެރެފައިވަނީ މިއަދުގެ ހަވީރު 17:30 އިން ފެށިގެން މިރޭ 21:00 އާއި ހަމައަށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައިވާއިރު، މެޓުން ވަނީ ޅ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް މިއަދުގެ މެންދުރު ފަހު 14:00 އިން ހަވީރު 17:30 އަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި ބައެއް ސަރަހައްދުތައް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާ ހިނގާފައިވާއިރު، ދެކުނު ބައެއް ސަރަހައްދުތަކަށް ބޯކޮށް ވައި ޖެހި، ބައެއް ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ.