ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލު ކުރަން، 2018 ފެބުރުވަރީ 4 ވަނަ ދުވަހު ބޭއްވި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސް ފެށި އަދި ނިންމި ސީދާ ގަޑި ސިއްރު ހެކިވެރިންނަށް ބުނެދޭކަށް ނޭނގުނެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދުގެ މައްޗަށް ދައުލަތުން އުފުލި ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި މިއަދު ބާއްވާފައިވަނީ ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިންގެ ހެކިބަސް ނެގުމެވެ. އެގޮތުން ދެ ސިއްރު ހެކިވެރިންގެ ހެކިބަސް މިއަދުގެ އަޑުއެހުމުގައި ނަގާފައިވެއެވެ.

މިއަދު ހެކިބަސް ނެގި ދެ ސިއްރު ހެކިވެރިންވެސް ދައުލަތުން ހުށަހަޅާފައިވަނީ، ހަސަން ސައީދު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރު ބާތިލު ކުރުމަށް ސްޕްރީމް ކޯޓުގައި ބޭއްވި ފަނޑިޔާރުންގެ މަޖިލިސް ފެށި ގަޑިއާއި ނިންމި ގަޑި ސާބިތު ކުރުމަށެވެ.

މިއަދުގެ ޝަރީއަތުގައި ހެކިބަސް ދެމުން "ސިއްރު ހެކިވެރިޔާ އެކެއް" (ސްޕްރީމް ކޯޓުގެ މުވައްޒަފެއް) ބުނެފައިވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސް ފެށި ސީދާ ގަޑި ބުނަން ނޭނގޭ ކަމަށާއި، އެހެން ނަމަވެސް އުއްތަމަ ފަނޑިޔާރު އަންގަވައިގެން ކްރިމިނަލް ކޯޓުން ހަސަން ސައީދު ހައްޔަރޔ ކުރަން ނެރުނު އަމުރު ބާތިލު ކުރަން ސްޕްރީމް ކޯޓުގެ އަމުރު ޑްރާފްޓްކޮށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިއިރު ހަވީރު ފަހެއް ޖަހަން ކައިރި ވެދާނެ ކަމަށެވެ. އަދި އެ އަމުރު ސްޕްރީމް ކޯޓުގެ ވެބްސައިޓަށް އަޕްލޯޑް ކުރިއިރު ހަވީރު ހައެއް ޖަހަން އުޅޭނެ ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

މިއަދު ސިއްރުން ހެކިބަސްދިން "ސިއްރު ހެކިވެރިޔާ 2" (ސްޕްރީމް ކޯޓުގެ މުވައްޒަފެއް) ބުނެފައިވަނީ، 2018 ފެބުރުވަރީ 4 ވަނަ ދުވަހު ފަނޑިޔާރުންގެ މަޖިލިސް ބޭއްވި ކަމަށާއި، ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހައްޔަރު ކުރަން ނެރުނު އަމުރު ބާތިލު ކުރަން ނިންމި ފަނޑިޔާރުންގެ މަޖިލިސް ބާއްވާފައިވަނީ އެ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށާއި، އެ އަމުރުގެ ޑްރާފްޓް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅި ސިދާ ވަގުތު ދަންނަވަން ނޭނގޭ ކަމަށެވެ. އަދި އެ އަމުރު ސްޕްރީމް ކޯޓުގެ ވެބްސައިޓުގައި ސާއިއު ކޮށްފައިވަނީ ހަވީރު 06:00 އާއި 06:15 އާއި ދެމެދުގެ ވަގުތެއްގައި ކަމަށްވެސް ސިއްރު ހެކިވެރިޔާ ބުންޏެވެ.

ސިއްރުން ހެކިބަސް ދިން މި ހެކިވެރިޔާވެސް ބުނެފައިވަނީ ފަނޑިޔާރުންގެ މަޖިލިސް ފެށި އަދި ނިންމި ސީދާ ވަގުތ ބުނެދޭން ނޭނގޭ ކަމަށާއި، ނަމަވެސް މަޖިލިސް ބާއްވާފައިވަނީ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް އަދި ނިންމާލާފައިވަނީ ހަވީރު 05:30 އާއި 06:00 އާއި ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދުގެ މައްޗަށް މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާކޮށްފައި ވަނީ އޭނާ ހޯދަން ފުލުހުން އިއުލާން ކުރިކަން އެނގި ހުރެ ފިލައިގެން އުޅެފައިވާތީ ކަމަށް ބުނެއެވެ. މި ދައުވާ އޭނާގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ނުވަ ހެއްކެއް ހުށަހަޅާފައިވާއިރު، ދައުވާއިން ބަރީއަ ވުމަށްޓަކައި ހަސަން ސައީދުގެ ފަރާތުން ހުށަހަޅާފައިވަނީ ތިން ހެއްކެކެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމަށް ބާއްވާ އަޑު އެހުމެއް މި ހަފްތާގެ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދިފާއީ ހެކިންގެ ހެކިބަސް ނެގުމާ މެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނަގާ ނިމުމުންނެވެ.