އައްޑޫ ސިޓީގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ އެންމެ ބޮޑު ޓޫރިޒަމްގެ މަޝްރޫއު، އިސްމެހެލާ ހެރަ ރިސޯޓު 100 ކޮޓަރި އާއި އެކު މިއަހަރުގެ ފަހުކޮޅު ހުޅުވަން ތައްޔާރުވަމުންދާ ކަމަށް އެ ރިސޯޓުން ބުނެފި އެވެ.

އިސްމެހެލަ ހެރަ ރިސޯޓުގެ ސީއީއޯ މޫސާ ދީދީ ޕީއެސްއެމް އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، އިސްމެހެލަ ހެރަ ރިސޯޓު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 69 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، 100 ކޮޓަރިއާއެކު އެ ރިސޯޓު މިއަހަރުގެ ޑިސެމްބަރ މަހު ހުޅުވާނެ ކަމަށެވެ.

2015 ވަނަ އަހަރު އިސްމެހެލަ ހެރާގައި ރިސޯޓެއް ތަރައްޤީ ކުރުމަށް ފެށި މި މަޝްރޫއުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ގުޅޭ ގޮތުން ދީދީ ވިދާޅުވީ، މިހާރު ކުރިއަށްދަނީ އެއްގަމު ކޮޓަރިތަކުގެ މަސައްކަތާއި މޫދު ކޮޓަރިތަކުގެ ބުޑުތައް ޖެހުމާއި ބަނދަރު އަދި އެރަވައިލް ޖެޓީ އާއި ބާ އަދި ރެސްޓޯރެންޓުގެ އިތުރުން ރިސެޕްޝަންގެ މަސައްކަތް ކަމަށެވެ.

"ޕަވާ ހައުސްގެ ސިވިލް ވޯކް ވެސް ގާތްގަނޑަކަށް ނިމިފައި. މިހާރު ހުރިހާ މެޓީރިއަލް ތަކާއި އެއްޗެހި އަންނަ މަގުމަތީގަ އުޅެނީ. އަޅުގަނޑުމެން މިހާރު ދެން މިކަމަށް ކުރެވެން އޮތް އެންމެ ފަހުގެ ތައްޔާރިތައް ވަމުން މިދަނީ" އިސްމެހެލަ ހެރަ ރިސޯޓުގެ ސީއީއޯ މޫސާ ދީދީ ވިދާޅުވިއެވެ.

މުޅި ރިސޯޓް އެއްކޮށް ނިމުމުން 700 އެއްހާ ވަޒީފާގެ ފުރުޞަތު ހުޅުވިގެން ދާއިރު، މިއަހަރުގެ ޑިސެމްބަރ މަހު ހުޅުވުމަށް ހަމަޖެހިފައިވަނީ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ނިންމުމަށ ހަމަޖެހިފައިވާ 100 ކޮޓަރިއެވެ.

އައްޑޫ ސިޓީ، މީދޫ ކައިރީގައި އޮންނަ އިސްމެހެލާ ހެރަ ރިސޯޓު އެއްކޮށް ނިމޭއިރު، 240 ކޮޓަރި ހުންނާނެއެވެ. އޭގެ ތެރޭގައި 110 ވޯޓާ ވިލާ އާއި 30 އޯޝަން ވިލާގެ އިތުރުން 70 ކޮޓަރި ހިމެނެއެވެ. މުޅި ޕްރޮޖެކްޓް ނިމޭއިރު އިސްމެހެލާ ހެރައާއި ކައިރީގައި އޮންނަ ކެޑެވާހެރަ ކުޑަ ބްރިޖަކުން ރިސޯޓާއި ގުޅުވާލައި، އެރަށުގައި މޫދު ކޮޓަރިތަކެއްވެސް ތަރައްގީ ކުރެވިގެންދާނެ ކަމަށް އެ ރިސޯޓުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުނިމޭނެއޭ

    ނުވާނެއޭ
    an hour ago

    އިސްމެހެލާ ހެރަ ރިސޯޓުގެ 100 ކޮޓަރި ޑިސެމްބަރު މަހު ހުޅުވަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އިސްމެހެލާ ހެރައިގެ އިމާރާތް ތަކުގެ %69 މަސައްކަތް ނިމިފައިވާ ކަމަށް ބުނާއިރު އަދި ފުރާޅު ނާޅާ އިމާރާތް ތައް ގިނައީ. އިންފްރާސްޓްރަކްޗަރ ލައިންސް ތައް އެއްގޮތަކަށް ވެސް ނާޅައެވެ. ކަން މިހެން ހުރުމުން ތިޔާ އިސްމެހެލާ ހެރަ މިއަހަރުގެ ޑިސެމްބަރަށް 100 ކޮޓަރި ނުހުޅެވޭނެއެވެ. ތިޔާއީ ޝަވްގީ މެން ހެރެތެރެ ނިންމިއޭ ކިޔައިގެން އެމެން ޖެއްސި ފަދަ ފޭކް ގޭމް އެކޭ ކުރަންނާ ތިޔާ ކަން ރަނގަޅަށް ކޮށް އަންނަ އަހަރު ހުޅުވުމުން ތިޔާ ތަނުގެ އަގު ނުވެއްޓި ހުންނާނީ. ހެރެތެރެ ނުހިނގާ ކަމުގެ އަސްލަކީ ހެރެތެރެ އިންފްރާސްޓްރަކްޗަރ ފެއިލް ވެފައި ބިލްޑިންގްސް ތަކުގެ ސްޓްރަކްޗަރ ފެއިލް ވެފައިވާތީއެވެ. މިހަގީގަތް ހާމަ ނުކުރަން އައްޑޫ މީހުން އުޅެނީ އެއީ ކިއެއްކުރަންތޭ. ރިސޯރޓެއް ނުނިންމޭނެ ތިޔާ ގޮތަށް ޕޮލިޓިކްސް އޭގެ ތެރެއަށް ވައްދައިގެން. މިހާރުވެސް އިސްމެހެލާ ހެރަ ހަދާއިރު އައްޑޫ މީހަކު ނުކުރޭ ދޯ ޕްރޮޖެކްޓް މަސައްކަތެއް.